ކޯވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވެގައިވާ އިތުރު ދެމީހަކު ދޫކޮށްލައިފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ އެދެމީހުންނަކީވެސް ސޭންޑީސް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެމީހުން ކަމަށެވެ.
ކޮޥިޑް-19އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު 4 ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މުހައްމަދު އިސްމާޢީލް ވިދާޅުވީ މި ދެމީހުންވެސް ދޫކޮށްލާފައިވަނީ ޑަބްލިއުއެޗްއޯ ގެ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓް ކުރުމަށްފަހުގައިކަމަށެވެ. މިގޮތުން މިދިޔަ މަހުގެ 18ވަނަ ދުވަހު އެ ދެމީހުން ބައްޔަށް އަލުން ޓެސްޓުކޮށްފައިވާކަމަށާއި އަދި މިމަހުގެ 1ވަނަ ދުވަހުވެސް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމާއެކު ދޫކޮށް ލީކަމަށް އޭނާ ވިދާޅުވިއެވެ. އައިޖީއެމްޗްގައި ބާއްވާފައިވާ އަނެއް މީހާވެސް ބައްޔަށް ޓެސްކުރުމަށްފަހު ނެގެޓިވް ވެއްޖެނަމަ ދޫކޮށްލާނެކަމަށް ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މިއަދު ހަވީރު 16:00އާ ހަމަޔަށް ޓެސްޓްކުރުމަށް 1443 ސާމްޕަލް ނަގާފައިވާކަމަށާ، މީގެތެރއއިން 1364 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވިއެވެ. އަދި 51 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 23 ފްލޫކްލިނިކެއް ހުޅުވާފައި ވެއެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި 162 މީހަކު އެ ތަންތަނަށް ދައްކާފައިވެއެވެ. ފްލޫ ކްލިނިކްތަކަށް މިހާތަނަށް ޖުމުލަ 5719 މީހަކު ދައްކާފައިވެއެވެ. މިހާތަނަށް ކަރަންޓީން ފެސިސިލޓީސްތަކުގައި 881 މީހުން އެބަތިއްބެވެ. މީގެތެރެއިން 49 މީހެއްގެ ސާމްޕަލް ނަގައި ނެގެޓިވްވެއްޖެނަމަ މާދަމާ އެމީހުން ދޫކޮށްލާނެއެވެ.