ރާއްޖޭގެ ޤާނޫނާ ޤަވައިދުތަކާއި ޚިލާފަށް ޢަމަލުކުރާ ރިސޯޓުތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޙާލަތުގައި ބައެއް ރިސޯޓްތަކުން ޤާނޫނާއި ޤަވާދާ ޙިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ. އޭގެތެރޭގައި ނޯޓިސް ދިނުމަކާ ނުލައި ޤާނޫނާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުލިބޭގޮތައް ޗުއްޓީ ނަގަން މުވައްޒަފުންނަށް މަޖުބޫރުކުރުވުން ފަދަ ކަންކަން ހިމެނޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޙިލާފަށް އަމަލުކުރާ ހުރިހައި ރިސޯޓްތަކާއިމެދުވެސް ފިޔަވަޅުއަޅާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިއާއިއެކު ރާއްޖޭގެ ހުރިހައި ޓޫރިސްޓް ފެސިލިޓީއެއްވެސް ރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް އިޙްތިރާމްކުރުމަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
ޓޫރިޒަމް މިނިސްޓްރީީގެ ބަޔާނުގައި ވަނީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ރާއްޖެއިން ބޭރުގެ މުވައްޒަފުންނާއި ފަތުރުވެރިން އެމީހުންގެ ފްލައިޓް ކޮންފަރމް ނުވަނީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދާކަމުގެ ޝަކުވާވެސް އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން އެއްވެސް ފަތުރުވެރިއަކުވެސް އަދި ބިދޭސީ މުވައްޒަފަކުވެސް ކޮންފަރމް ފްލައިޓެއް ނެތި އެއަރޕޯޓަށް ނުފޮނުވުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.