ޚަބަރު

ކޯވީޑް-19: މަނާވަގުތުގައި މިއަދު 141 މީހަކަށް ނަސޭހަތް ދީފި


ކޯވިޑް-19އިން ރައްކަތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުގައި މިއަދު ބޭރަށް ނުކުތް 141 މީހަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނނެނީ 119 ދިވެހިންނާއި 22 ބިދޭސިންނެވެ. އަދި ދެވަނަ ފަހަރަށް 9 މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފުލުހުންވަނީ މިއަދު ނިންމާފައެވެ. އެހެންނަމަވެސް މިއަދު އެއވެސް މީހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނާނީ މިމަހުގެ 2ވަނަ ދުވަހުން ފެށިގެން ފުލުހުން ރެކޯޑް ކޮށްފައިވާ މަޢުލޫމާތަށް ބެލުމަށް ފަހުކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅުއްވާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00އިން ރޭގަނޑު 20:00އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ދެއްވާފައެވެ.

އިއްޔެ މަނާވަގުތުގައި ބޭރަށް ނުކުތް 183 މީހަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 151 ދިވެހިންނާއި 32 ބިދޭސީންނެވެ. އަދި ދެވަނަ ފަހަރަށް 11 މީހަކަށް ނަސޭހަތް ދީފައިވާކަމަށާ މީގެ ތެރެއިން 1އަށް އިންޒާރުވެސް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެއެވެ.