މެލޭޝިއާގެ ކުއަލަލަމްޕޫރާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވިއަނުން ޚާއްސަ ދަތުރުތަކެއް ކުރާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިތަންތަނުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަރަށް އަވަހަށް ފްލައިޓްތައް ބާއްވާނެކަމަށާއި އެކަމުގެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ. މިއާއެކު މި ތަންތަނުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އެ އެއަރލައިންގެ ފްލައިޓްތަކުގައި ޖާގަ އޮތް މިންވަރަކުން ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި ސްރީލަންކާ އާއި އިންޑިއާގެ އިތުރު ސިޓީތަކުންވެސް މީހުން ގެންނަން ޖެހިއްޖެނަމަ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށް މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިން ދަތުރު ނުކުރާ ތަނެއް އެއީ ،ކޮލަމްބީ، މެލޭޝިއާ. އެތަންތަނަށް ދަތުރުކުރަން ޖެހޭއިރު ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއް އެބަހުރި" މޫސަ ވިދާލުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރުމަށް މޯލްޑިވިއަނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އަދި އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެ އެއަރލައިނުން ހާމަކުރެއެވެ.
އެގޮތުން މާދަމާ ސްރީ ލަންކާއަށް ދެ ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހޯމަ ދުވަހު އިންޑިއާގެ ކޮޗިންއަށް ވެސް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ސްރީ ލަންކާއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުރިހާ ޖާގައެއް ފުލްވެފައިވާތީ މިހާރު ވަނީ ނަންނޯޓުކުރުން ބަންދުކޮށްފައެވެ.