ވިޔަފާރި

ހޭލުންތެރިކުރުވުމުގެ އެސްއެމްއެސްތައް މުހިއްމު ދައުރެއް އަދާކުރޭ


ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަސްއިން ރައްކާތެރިވުމަށާއި އެބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ޤައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާއްމުން މި ބައްޔަށް ހޭލުންތެރިކޮށް، ޤައުމުގެ ހާލަތާގުޅޭ އެންމެ ފަހުގެ ތެދު މައުލޫމާތުތައް ފޯރުކޮށްދިނުން މިވަނީ މުޙިއްމު ކަމަކަށްވެފައެވެ. އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން އާއްމުންނަށް މި ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ޤައުމުތަކުންދަނީ މަސައްކަތްކުރަމުންނެވެ.

މިފަދަ ވަސީލަތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދެވޭ ވަސީލަތަކީ ފޯނަށް ލިބޭ ޓެކްސް މެސެޖް ނުވަތަ އެސްއެމްއެސްތަކެވެ.

މިބަލި ފެތުރޭ މިންވަރު ކުޑަކުރެވިފައިވާ ޤައުމުތަކުގެ ތެރެއިން ސައުތު ކޮރެއާގައިވެސް ކޯވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވުމުގައި އެސްއެމްއެސްގެ ދައުރު ބޮޑެވެ. އެގޮތުން ސައުތު ކޮރެއާގައި ކޮންމެ ދުވަހަކު ކޯވިޑް-19އާ ގުޅޭ މައުލޫމާތު ހިމެނޭ 3 ނޫނީ 5 މެސެޖް އާއްމުންގެ ފޯނުތަކަށް ލިބެއެވެ. އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްފައިވާ މީހުންގެ އަދަދާއި އެމީހުން ބައިތިއްބާފައި ތިބި ތަންތަނުގެ މައުލޫމާތުވެސް މި މެސެޖްތަކުގައި ހިމެނެއެވެ. މީގެއިތުރުން ވައިރަސް އިން ރައްކާތެރިވުމަށްޓަކައި ގިނަ ގިނަ އިން އަތް ދޮންނަން ހަދާންކޮށްދިނުމާއި، ބަލިން ރައްކާތެރިވުމަށްޓަކައި ދެންވެސް ކުރިވެރިދާނެ ކަންތައްތަކުގެ މައުލޫމާތު މި މެސެޖްތަކުގައި ހިމެނެއެވެ.

ސައުތު ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް ދަނީ މި ޓެކްނޮލޮޖީގެ ބޭނުން ހިފާ ގިނަ ބައަކަށް އެއްފަހަރާ މައުލޫމާތު ދިނުމުގެ ނިޒާމްގެ އެހީ ހޯދަމުންނެވެ. އެގޮތުން ރާއްޖެއަކީވެސް މި ޓެކްނޮލޮޖީގެ ބޭނުން ހިފާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކުވެސް ދެތިން މެސެޖް ކޮންމެ މީހަކަށްވެސް ފޮނުވައެވެ. މި މެސެޖްތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަބަދަވެސް ހަދާންކޮށްދިނުމުގެ އިތުރުން ކޯވިޑް19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ދަނީ ހިއްސާކުރަމުންނެވެ. ދިވެހި ބަހާއި އިނގިރޭސިބަހުގެ އިތުރުން ބެންގާލީ ބަހުންވެސް އެޗްޕީއޭއިން މެސެޖްތައް ފޯނުވައެވެ.