މޯލްޑިވިއަންގެ ފްލައިޓުގައި ބެންކޮކުން ރާއްޖެއަށް 11 ޓަނުގެ މުދާ ގެނެސްފިއެވެ. މޯލްޑިވިއަން އިން ބުނީ ރޭގެ ވަގުތެއްގައި މޯލްޑިވިއަންގެ ކާގޯ ފްލައިޓް މެދުވެރިކޮށް 11،323.3 ކިލޯ ގްރާމް ނުވަތަ 11.3 ޓަނުގެ މުދާ މާލެ ގެނެސްފައިވާކަމަށެވެ. 
ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޤައުމުތަކަށް ކާގޯ ފްލައިޓްތައް ބާއްވަމުންނެވެ.
 
އެގޮތުން މޯލްޑިވިއަންއިން ދަނީ ކޮންމެ އާދީއްތަ ދުވަހަކު ސްރީލަންކާއަށް އަދި ކޮންމެ ބުދަ ދުވަހަކު ޓްރެވިއެންޑްރަމްއާއި ޗެންނާއީއަށް ދަތުރެއް ކުރަމުންނެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހު ބެންކޮކަށް އަދި ހުކުރު ދުވަހު ދުބާއީއަށް މޯލްޑިވިއަންއިން އަންނަނީ ކާގޯ ދަތުރުތައް ބާއްވަމުންނެވެ. 
މޯލްޑިވިއަންގެ ޝެޑިއުލްގައި ވާގޮތުން ދެން އެ އެއަރލައިނުން ކާގޯ ފްލައިޓްތައް ބާއްވާނީ ދުބާއީއަށެވެ. މޯލްޑިވިއަންއިން ބުނީ މި ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށެވެ. 
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް މޯލްޑިވިއަނުން ވަނީ އެފުރުޞަތު ހުޅުވާލާފައެވެ.
މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.