ރާއްޖޭގައި ތިބި މޮރިޝަސްއާއި ދެކުނު އެފްރިކާގެ މީހުން އަނބުރާ ޤައުމަށް ގެންދިޔަ މޯލްޑިވިއަންގެ ފްލައިޓުގައި ހަރަކާތްތެރިވި ކުރޫގެ ހިތްވަރާއި ފަސެންޖަރުންނަށް ދިން ޚިދުމަތުގެ ފުރިހަމަކަމަށްޓަކައި އެފްލައިޓުން ދަތުރުކުރި މީހުންދަނީ މޯލްޑިވިއަންގެ ކުރޫއަށް ޝުކުރާއި ތައުރީފު ރައްދުކުރަމުންނެވެ.
ކޯވިޑް-19އާއި ގުޅިގެން ވައިގެދަތުރުތައް ހުއްޓުމަކަށް އައުމާގުޅިގެން ރާއްޖެއިން ނުފުރި ތިބި މޮރިޝަސްއާއި ދެކުނު އެފްރިކާގެ މީހުން އިއްޔެވަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި އަބުރާ އެޤައުމުތަކަށް ހެންގޮސްދީފައެވެ.
މިއީ ވައިގެމަގުން ކުރި ދިގު ދަތުރެކެވެ. ރާއްޖެއިން މޮރިޝަސްއަށް ކުރާ ދަތުރުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް ތިން ގަޑިއިރާއި ތިރީސްމިނެޓެވެ. އަދި ރާއްޖެއިން ދެކުނު އެފްރިކާއަށް ކުރާ ސީދާ ދަތުރުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 7 ގަޑިއިރެވެ. މޯލްޑިވިއަނުން މޮރިޝަސްއަށާއި ދެކުނު އެފްރިކާއަށް ކުރި ދަތުރުގައި އެއެއަރލައިންގެ ދެ ކުރޫއެއް ބައިވެރިވިއެވެ. މޮރިޝަސްއަށް ކުރާ ދަތުރަށް ޙާއްސަ ކުރޫއަކާއި ދެކުނު އެފްރިކާއަށް ކުރާ ދަތުރަށް ޙާއްސަ ކުރޫއެއް ހިމެނެއެވެ.
މޯލްޑިވިއަންގެ މި ފްލައިޓުގައި ދެކުނު އެފްރިކާއަށް ނިސްބަތްވާ 40 މީހަކާއި، މޮރިޝަސްއަށް ނިސްބަތްވާ 11 މީހެއް ވަނީ އެމީހުންގެ ޤައުމަށް ގޮސްފައެވެ. ދެކުނު އެފްރިކާއަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ ފަތުރުވެރިންނެވެ. މޮރިޝަސްއަށް ގޮސްފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ އެޤައުމުގެ މީހުންނެވެ.
ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް މުޙައްމަދު ޢަލީ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، އަނބުރާ ޤައުމަށް ނެދެވިތިބި އެޤައުމުގެމީހުން ގެންގޮސްދޭނެ އެއަރލައިނެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެހެންނަމަވެސް ޤައުމުތައް ފުރަބަންދުވެ ވައިގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުން އެކަންކޮށްދޭނެ އެއަރލައިނެއް ނުލިބުނުކަމަށެވެ.
މިއާއެކު އަބުރާ ޤައުމަށް ނުދެވިފައި ތިބި އެޤައުމުގެ މީހުންތިބީ ގޮތް ހުސްވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މޯލްޑިވއަނުން މިދަތުރުކޮށްދޭން އެއްބަސްވުމާއެކު އަބުރާ ޤައުމަށް ދެވޭނެކަމުގެ އުއްމީދު އާވެ ހިތްހަމަޖެހުން ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންއިން މިދަތުރުކޮށްފައިވަނީ ގިނަ ދަތިތަކާއެކުކަން މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ. އެގޮތުން މޯލްޑިވިއަންއިން ކުރިން ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިނުވުމާއި މިދަތުރަކީ ދިގު ދަތުރަކަށްވުމުން ދިމާވާނެ ބޮޑެތި ދަތިތަކެއް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދިގު ދަތުރުގައި މޯލްޑިއަންގެ ބޯޓު ފުރަތަމަ މަޑުކޮށްފައިވަނީ މޮރިޝަސްގައެވެ. މޮރިޝަސް މީހުން އެގައުމަށް ބޭލުމަށްފަހު، ބޯޓަށް ތެޔޮ އެޅައިގެން ދެން ދަތުރުކުރީ ދެކުނު އެފްރިކާއަށެވެ.
މި ދަތުރުގައި މޯލްޑިވިއަންގެ ކުރޫއިން ދިން ޚިދުމަތަށާއި ދެއްކި ހިތްވަރަށް ތައުރީފްކޮށް އެފްލައިޓުގައި ދަތުރުކުރި މީހުންދަނީ މެސެޖުތައް ފޮނުވަމުންކަމަށް މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
"ބައިވަރު މެސެޖުތައް ލިބެމުންދަނީ، ކުރޫއިންނަށް ތައުރީފްކޮށް، ރާއްޖެއަށް ފްލައިޓްއައިސް އަބުރާ ޖައްސަންދެން ޓްރެކަރއިން ބަލަމުންވެސް ދިޔަ، އެމީހުން ވަރަށް އުފަލުން ތިބީ އަބުރާ ޤައުމަށް ދެވުނީމަ، މިކަން މިވީ މޯލްޑިވިއަންގެ ބުރަ މަސައްކަތުން." މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ ފްލައިޓު ޖައްސާފައިވަނީ އެޤައުމުގެ ގަޑިން ގާތްގަނޑަކަށް މެންދަމު 1:25 ހާއިރުއެވެ. އެމީހުން މިހާރު ވަނީ އެޤައުމުގެ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ.
މޯލްޑިވިއަންއިން ބުނީ ރާއްޖޭގައި އަނބުރާ ޤައުމަށް ނުދެވިތިބި އެކި ޤައުމުތަކުގެ މީހުންގެ ފަރާތުންވެސް ޗަޓަރު ފްލައިޓުތަކަށް ރިކުއެސްޓު ލިބޭކަމަށެވެ. އެހެންނަމަވެސް ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި ދިވެހިން ޤައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތަކަށް އިސްކަން ދިނުމަށްޓަކައި އެފަދަ ހުރިހާ ދަތުރުތަކެއް ކުރެވެން ނެތްކަމަށް މޯލްޑިވިއަންއިން ބުނެއެވެ.