ލޮކްޑައުންގެ ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުން 14 ދުވަހުގެ ކަރަންޓިންއަކަށް ގެންދަން ޖެހިދާނެ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރިވިސްއިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ކާރފިއު އިޢުލާންކޮށްފައިވާ ވަގުތުގައި ފިޔަވަޅު އެޅިގޮތާ މިފަހަރު ކަންތައްކުރާނެ ގޮތް ތަފާތުވާނެކަމަށެވެ.
މިގޮތުން ލޮކްޑައުންގެ މުއްދަތުގައި ހުއްދަ ނެތި ބޭރުގައި އުޅޭ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށާއި ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމުގައިވެސް ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް އެމީހުން ނުކުމެ އުޅޭ ބޭނުމަކާއި ދާ ތަނަކާއި ބޭނުން ފުލުހުން ސުވާލުކޮށް އޮޅުން ފިލުވާނެކަމަށެވެ. އަދި ހުއްދަ ނެތި އުޅޭ މީހުން އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.
"މިއީ އަދަބު ދޭން ކުރާކަމެއްނޫން. ރައްޔިތުންގެ ރައްކަލަކަށްޓަކާ ކުރާ ކަމެއް މިއީ . މިހާރު މިއީ ކުރާ ޓެސްޓެއް ނޫން. ކޮންމެ ތަނަކުން ވެސް ވިސްނަން ޖެހޭނެ މިހާރު މަދު މުވައްޒަފުންނާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ބައެއް ތަންތަނުން ކުރީ ފަހަރު ވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރި. އެކަމަށް ޖެހޭނީ އެޖެސްޓްވާން. ނަވީން ވިދާލުވިއެވެ.
ފުލުހުން ވިދާޅުވީ އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން އޮފީހަށްވެސް އަދި އެހެން ތަނަކަށްވެސް ނުދެވޭނެ ކަމަށެވެ. އެމީހުންނަށްވެސް ދެވޭނީ ހުއްދަދީ ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިރޭ 12 ޖެހުމާ ހަމައަށް ޑެލިވަރީ ކުރެވޭނެކަމަށާއި އެހެންނަމަވެސް އެއީ މިހާރު ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.