ވިޔަފާރި

ކޯވިޑް-19: އެމްޕީއެލްގެ ހުޅުމާލެ ކޮންޓެއިނަރ ޓަރމިނަލުން ހަފްތާއަކު 3 ދުވަހު ޚިދުމަތްދެނީ


ފުރަބަންދުގެ މުއްދަތުގައި އެމްޕީއެލްގެ ހުޅުމާލެ ކޮންޓެއިނަރ ޓަރމިނަލުން ޚިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ބުނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ފުރަބަންދަކަށް ގޮސްފައިވުމުން، މި މުއްދަތުގައި ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ކޮންޓެއިނަރ ޓާރމިނަލްގެ ޚިދުމަތް ހަފްތާއަކު ތިންދުވަހު ދިނުމަށްވަނީ ނިންމާފައެވެ.

ކޮންޓެއިނަރ ޓާރމިނަލްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި މިތިންދުވަހު ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 -16:30 އަށެވެ.

އެމްޕީއެލްގެ މާލޭ ޓަރމިނަލުން މުދާ ކުލިއާ ކުރުމުގު ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 16:30 އަށް އަންނަނީ ދެމުންނެވެ.

ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ވިޔަފާރިތަކަށް ދަތި ނުވާނެހެން، އަދި މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ.

އެގޮތުން އެންމެ ޙާލަތު ގޯސްވާއިރުވެސް ޚާއްސަ ވޯކް ފޯސްއެއް ނެރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތަކަށްވަނީ ތައްޔާރުވެފައެވެ.

މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވާ މުއްދަތަށް ނަގާ ޑެމަރޭޖް ފީ ނުނަގާނެ ކަމަށް އެމްޕީއެލްއިން މީގެކުރިން ބުނެފައިވެއެވެ.