ވިޔަފާރި

އެމެރިކާގައި ފްރީޒަރުގެ ޑިމާންޑްވެސް ބޮޑުވެއްޖެ


ކޯވިޑް-19އާއެކު އެމެރިކާގައި ކާބޯތަކެތި ގަނޑުކުރުމަށް ބޭނުންކުރާ ފްރީޒަރުތަކުގެ ޑިމާންޑުވެސް ބޮޑުވެއްޖެއެވެ.

އެމެރިކާގެ މުއްސަދިން ދަނީ އެމީހުން އެޤައުމުގައި ދިރިއުޅޭ ތޮއްޖެހިފައިވާ ސިޓީތައް ދޫކޮށް، ޗުއްޓީ ހޭދަކުރުމަށް އެކަހެރި ހިސާބުތަކުން ގަނެފައިވާ ގެތަކަށް ބަދަލުވަމުންނެވެ. އަދި އެފަދަ ހިސާބުތަކުގައި ހުންނަ ފިހާރަތަކުން ގަނޑުކޮށް ކާބޯތަކެތި ގަންނަމުން ދިޔުމާއެކު ފިހާރަތަކުގެ ރެކްތައް ހުންނަނީ ހުސްވެފައެވެ.

މުއްސަދިންގެ މެދުގައި މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ހެމްޕްޓަންސް ފަދަ ހިސާބުތަކުގައި މިގޮތަކަށް މުއްސަދިން ގޮސް ތަކެތި ގަނޑުކޮށް ގަތުމުން އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށްވަނީ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ދިމާވެފައެވެ.

ގަނޑުކޮށް ގަންނަ ތަކެތި ރައްކާކުރުމަށް އިތުރު ފްރީޒަރތައްވެސް ދަނީ ގަންނަމުންނެވެ. އެހިސާބުގެ ހައުސް މެނޭޖަރއެއް މައުލޫމާތު ދިންގޮތުގައި ބައެއް ފަރާތްތަކުން އެއް އަހަރު ދުވަހަށް ވާވަރަށް ކާބޯތަކެތި ގަނެފައިވާ ކަމަށެވެ.

ހެމްޕްޓަންސްގައި ކާބޯތަކެތި ވިއްކާ ފިހާރައެއް ހިންގާ ފަރާތަކުން ބުނީ، މިފަހުން އެތަނުން ވިޔަފާރި ކުރި ފަރާތަކުން 8000 ޑޮލަރުގެ ތަކެތި ގަނެފައިވާ ކަމަށެވެ.

މުޅި އެމެރިކާގައިވެސް މިހާރުވަނީ ގަނޑުކޮށް ކާބޯތަކެތި ގަނެ ރައްކާ ކުރުން އާއްމުވެފައެވެ. މިއާއެކު އެމެރިކާގައި ފްރީޒަރގެ ޑިމާންޑުވަނީ ބޮޑުވެފައެވެ. އެގޮތުން ހުސްވި އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު ފްރީޒަރގެ ޑިމާންޑުވަނީ ދެގުނައަށް އިތުރުވެފައެވެ.