ޚަބަރު

ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި، މިފަހަރު ޒަކާތް ދެއްކޭނީ ހަމައެކި އޮންލައިންކޮށް


މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަށް ފަށައިފިއެވެ. ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރުގެ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.

މާލެ ސަރަޙައްދުގެ ރަށްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކަޝަނާއި އުރީދޫ އެމް ފައިސާ އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮންލައިން ބޭންކިންގެ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގެ" ފައިސާ މޮބައިލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:
• އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
• ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ
• ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ
• ރަތް ހަނޑުލުންނަމަ 65 ރުފިޔާ
• އާދައިގެ ފުށުންނަމަ 12 ރުފިޔާ
• އާޓާ ފުށުންނަމަ 55 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތު ރަމަޟާންމަހުގެ ތެރޭ ރަނގަޅުވެ އާއްމު ޙަލަތަކަށް އަތުވެއްޖެނަމަ އެހެން އަހަރުތަކޭވެސް އެއްގޮތަށް އެ މިނިސްތްރީގެ ހޯލުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ކަމަށެވެ.

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތްގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަޤުދު ފައިސާއިންވެސް ފިޠުރު ޒަކާތް ދައްކަމުންދެއެވެ.

ފިޠްރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިޠުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިގެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.