ވިޔަފާރި

ކޯވިޑް-19 : ވަޒީފާއާބެހޭ މައްސަލަތައް ހުށަހެޅުމަށް ފަސޭހަ ގޮތެއް ހަމަޖައްސައިފި


މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން އެކަން ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް ފަސޭހަގޮތްތަކެއް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އީފާސް އެކައުންޓް ހުޅުވުން ފަދަ ބައެއް ސަބަބުތަކާއިއެކު، ބައެއް ފަރާތްތަކަށް ރިޕޯޓު ކުރުމުގައި އިތުރު އެހީތެރިކަމެއް ބޭނުންވާތީ، އެފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މައުލޫމާތު ހުށަހަޅާ ފޯމެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

މި ފޯމް މެދުވެރިކޮށް ރިޕޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމަށްފަހު، [email protected]އަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ.
މި ފޯމް ޖޮބް ސެންޓަރ www.jobcenter.mv ގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓު www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ޖޮބް ސެންޓަރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ އެކަމަށް ޙާއްސަ ކޯލް ސެންޓަރެއްވެސް ޤާއިމްކޮށްފައެވެ.

ޖޮބް ސެންޓަރަށް ރިޕޯޓްކުރުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް، އެކޯލް ސެންޓަރުގެ ނަންބަރު 1475 އަށް ގުޅުމުން އެ މައުލޫމާތެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 10 އަކުން މެންދުރު ފަހު 3 އަކަށެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ޚާއްސަ ޙާލަތުގައި އެކި ކުންފުނިތަކާއި ތަންތަނުން ވަޒީފާ ގެއްލުނު މީހުންނަށް ތިން މަސް ދުވަސްވަންދެން ކޮންމެ މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ.