ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓުތަކުގައި މިހާތަނަށް 245 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އެވިއޭޝަނުން ބުނީ ކޮންމެ ހަފްތާއަކުވެސް ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓުތަކުގެ ޗާޓަރު 2 ދަތުރު ބާއްވަމުންދާ ކަމަށާއި މިހާތަނަށް ރާއްޖެއަށް މުދާ ހިފައިގެން ސްރީލަންކާގެ 11 ފްލައިޓެއް އައިސްފައިވާ ކަމަށެވެ.
ސްރީލަންކަންގެ ކާގޯ ދަތުރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ކާގޯ ފްލައިޓުގައި ރާއްޖެއަށް ގެންނަނީ ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ބައެއް ސާމާނު ކަމަށެވެ. އެހެނިހެން މުދާ މިދުވަސްކޮޅު ގެނައުމަށް އިސްކަން ނުދޭކަމަށް ފިރާޤް ވިދާޅުވިއެވެ.
ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ.
މި ދަތުރުތަކާއެކު ވިޔަފާރިވެރިންނަށް ރާއްޖެއަށް ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ސިއްޙީ ސާމާނުތައް ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް އޭސް އޭވިއޭޝަނުން ދެކެއެވެ.
ފިރާޤު ވިދާޅުވީ މިއަދު ރާއްޖެއިން 4.2 ޓަނުގެ މަސް ސްރީލަންކަންގެ ކާގޯ ފްލައިޓުގައި އެކްސްޕޯޓުވެސް ކޮށްފައިވާކަމަށެވެ. މިއީ ކޯވިޑް-19އާ ގުޅިގެން ދަތުރުތައް ހުއްޓުމަކަށް އައުމަށްފަހު ސްރީލަންކަންގެ ކާގޯ ފްލައިޓެއްގައި ރާއްޖެއިން ތަކެތި އެކްސްޕޯޓު ކުރެވުނު ފުރަތަމަ ފަހަރުކަމަށް ފިރާޤު ވިދާޅުވިއެވެ.
މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކޮރިއާ ޕެކޭޖުގައި ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް އޭސް އޭވިއޭޝަނުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ޙިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އޭސް އޭވިއޭޝަނާއި ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
ސްރީލަންކަން އެއަރލައިންސްއިން ދިޔައީ ފަސިންޖަރުން ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 3 ދަތުރުކުރަމުންނެވެ. އަދި އައްޑޫ އިންޑަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ.