ޚަބަރު

އޮކްސްފޯޑުގެ "ކޯވިޑް ވެކްސިން" ޖަނަވާރުންނަށް ކާމިޔާބު


ކޯވިޑްއާ ދެކޮޅަށް އިނގިރޭސިވިލާތުގެ އެކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން ތައްޔާރުކުރި ވެކްސިން ރާމާމަކުނުތަކަކަށް ދީގެން ހެދި ޓެސްޓްތައް ކާމިޔާބުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ބުނާގޮތުން އޮކްސްފޯޑުން މިދިޔަ ޖެނުއަރީމަހު އުފައްދަން ފެށި ވެކްސިން ރާމާމަކުނުތަކަކަށް ދީގެން ޓެސްޓްތައް ހަދާފައިވަނީ އެމެރިކާގެ މޮންޓާނާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ރޮކީ މައުންޓަން ލެބޯރެޓަރީގައެވެ. އެ ލެބޯޓަރީގައި 6 ރާމާމަކުނަށް އޮކްސްފޯޑުގެ ވެކްސިން ދީގެން ޓެސްޓްތައް ހެދިއެވެ. އަދި ކޮރޯނާވައިރަސް އަރާނެ މާހައުލެއްގައި 28 ދުވަސްވަންދެން ރާމާމަކުނުތައް ގެންގުޅުނުއިރުވެސް އެސޮރުމެންގެ ގައިން ކޮރޯނާވައިރަސްގެ އެއްވެސް އަލާމާތެއް ނުފެނުނުކަމަށް ސައިންސްވެރިންނާ ޙަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެއެވެ. އަދި އެ ރާމާމަކުނުތަކުގެ ޞިއްހަތުވެސް ރަނގަޅުކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އޮކްސްފޯޑުން އުފެއްދި ވެކްސިނަށް ބަލާލާއިރު، މިވެކްސިންއަށް ކިޔަނީChAdOx1 nCov-19 އެވެ. މިވެކްސިން އުފައްދާފައިވަނީ އާދައިގެ ރޯގާ ޖައްސާ އެޑްނޮވައިރަސް ނަމަކަށް ކިޔާ ވައިރަސްއެއް ބޭނުންކޮށްގެނެވެ. ސައިންޓިސްޓުން ވަނީ އިންސާނުންނަށް ގެއްލުމެއް ނުލިބޭ ގޮތަށް މި ވައިރަސްގެ ބާރު ކަނޑުވާލާފައެވެ. މިވައިރަސްގެ ބޭރު ފަށަލަ އުފައްދާފައިވަނީ ނޮވެލްކޮރޯނާގެ ބޭރު ފަށަލައިގައި ހުންނަ ސްޕައިކް ޕްރޮޓީންގެ ޖީންތައް ބޭނުންކޮށްގެނެވެ. މިވެކްސިން އިންސާނާގެ ހަށިގަނޑަށް ފޮނުވާލުމުން، ކޮރޯނާވައިރަސްގެ ސްޕައިކް ޕްރޮޓީންތައް ސެލްތަކުގައި ގިނަވާން ފަށައެވެ. އެއާއެކު އިންފެކްޓްވެފައިވާ ސެލްތައް މަރާލަން ބޭނުންވާ އެންޓިބޮޑީޒްއާއި ޓީ-ކިލާރ ސެލްތައް އިންސާނާގެ ދިފާޢީ ނިޒާމުން އަމިއްލައަށް އުފައްދަން ފަށާނެއެވެ. މިކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ކޮރޯނާވައިރަސް ވަންނަ ހިސާބުން، ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލައަށް މަސައްކަތްކުރަން އޮންނާނީ ތައްޔާރުވެފައެވެ.

އޮކްސްފޯޑުގެ ވެކްސިން ޖަނަވާރުންނަށް ދީގެން ހެދި ޓެސްޓްތައް ކާމިޔާބުވެފައިވާއިރު، މިދިޔަ އާދީއްތަދުވަހު މިވެކްސިން ވަނީ ފުރަތަމަ ފަހަރަށް އިންސާނަކަށްވެސް ދީފައެވެ. މި ވެކްސިނަކީ ކޯވިޑްއާ ދެކޮޅަށް އިންސާނުންނަށް ދެވިދާނެ ރައްކާތެރި ވެކްސިނެއްތޯ ޔަޤީންވާނީ ހާހެއްހާ އިންސާނުންނަށް މި ވެކްސިން ދީގެން އޮކްސްފޯޑު ޔުނިވަރސިޓީން ކުރިއަށްގެންދާ ޓްރަޔަލްތަކުގެ ނަތީޖާ ލިބުމުންނެވެ. އޮކްސްފޯޑުގެ ސައިންސްވެރިން ލަފާކުރަނީ ވެކްސިންގެ ނަތީޖާ ލިބޭނީ ސެޕްޓެމްބަރުމަހު ހިސާބުގައިކަމަށެވެ.

ސެޕްޓެމްބަރުގައި ނަތީޖާ ލިބިގެން ވެކްސިން އުފައްދަން ގިނަ ދުވަސްތައް ހޭދަވާނެތީ، ވެކްސިން އުފައްދާ ބޮޑެތި ކުންދުނިތަކާ ގުޅިގެން މިހާރުން ފެށިގެން ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޮކްސްފޯޑުން 7 ކުންފުންޏަކާ ގުޅިގެން ވެކްސިންގެ ޑޯޒްތައް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެތެރޭގައި ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްވެސް ހިމެނެއެވެ. އެކުންފުނިން ދަނީ ސެޕްޓެމްބަރުމަހާ ހަމައަށް 40 މިލިއަން ޑޯޒް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.

ސެރަމް އިންސްޓިއުޓުން ބުނާގޮތުން އޮކްސްފޯޑުގެ ވެކްސިން އިންސާނުންނަށް ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ ޔަޤީންނުވަނީސް ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އުފައްދަން ނިންމީ، ޖަނަވާރުންނަށް ހެދި ޓެސްޓްތައް ކާމިޔާބުވެފައި، މިވެކްސިންއަށް އޮތް އިތުބާރު ބޮޑުކަމުންނެވެ. އަދި ކުރީބައިގައި ވެކްސިންގެ ޑޯޒްތައް އުފެއްދުމުން، ވެކްސިންގ ނަތީޖާ ލިބޭއިރަށް ވެކްސިން އިންސާނުންނަށް ދޭން ފެށުން އަވަސްވެގެން ދާނޭކަމަށްވެސް ސެރަމްއިން ބުނެއެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގެ އިތުރުން، އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ކުންފުނިތަކުންވެސް ވަނީ އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ޑޯޒްތައް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އަދި އިނގިރޭސިވިލާތުގައި ވެކްސިން އުފައްދާ އިތުރު ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ އިތުރުންވެސް، އެހެން ބައެއް ޔުނިވަރސިޓީތަކާއި ބޭސް އުފައްދާ ކުންފުނިތަކުން ދަނީ ކޯވިޑްއަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިމަސައްކަތުގައި މިހާތަނަށް އެންމެ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވަރސިޓީއެވެ.