ޚަބަރު

ކޯވިޑް-19 : ނ.އަތޮޅު ހޮސްޕިޓަލުގެ 15 މުވައްޒަފަކު އައިސޮލޭޓްކޮށް، ޚިދުމަތްދޭ ވަގުތު މަދުކޮށްފި


ނ. މަނަދުއިން މާލެގެނައި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ނ.އަތޮޅު ހޮސްޕިޓަލުގައި ކުރީސަފުގައި ޚިދުމަތްދޭ 15 މުވައްޒަފުން އައިސޮލޭޝަންގައި މަޑުކުރަން އަންގައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މަނަދުއިން މާލެ ގެނައި މީހާއަކީ ކޯވިޑް-19ގެ ޢަލާމާތްތަކެއް ހުރެގެން ގެނައި މީހެއް ނޫންނަމަވެސް އޭނާގެ ޓެސްޓްހެދުމުން ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ ތެރެއިން ފާހަގަވި އެ 15 މުވައްޒަފުން ސިއްޙީ ރާއްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އައިސޮލޭޝަންއަށް ގެންދިއުމަށް ނިންމީކަމަށެވެ.

މިކަމާ ގުޅިގެން މަނަދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލުން ޚިދުމަތްދިނުމުގައި ބަދަލުތަކެއް ގެނެސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން މަނަދޫ ހޮސްޕިޓަލުގައި މީހުން އާންމުކޮށްބަލާ ގަޑިތައް މަދުކޮށް، އިތުރު ގަޑިތަކަކީ ހަމައެކަނި އެމަރޖެންސީގެ ކޮންސަލްޓޭޝަނަށް ހުޅުވާލާފައި ހުންނަ ގަޑިތަކެއްގެ ގޮތަށްވަނީ ހަމަޖައްސާފައި" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މަނަދުއިން މާލެ ދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން އެރަށުން ސާމްޕަލްތައް ނެގި މީހުންގެ ތެރެއިން މިހާތަނަށް ނަތީޖާލިބުނު މީހުން ބައްޔަށް ނެގެޓިވްވެފައިވާކަމަށް އެރަށުންވަނީ ބުނެފައެވެ. މިކަމާ ގުޅިގެން މަނަދޫވަނީ މޭމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ޙާލަތަކަށް ގެންގޮސްފައެވެ.