ޚަބަރު

ރައީސް ފޮނުއްވި ޚާއްސަ ޓީމުން ނަރުދޫގެ ހާލަތު ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީފި


ކޯވިޑް-19އާ ގުޅިގެން ށ.ނަރުދޫގެ ޙާލަތު ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްސަ ޓީމުގެ ބޭފުޅުން އެރަށުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށް ފޮނުއްވި ޓީމުގެ ތަފްސީލް ދެއްވާފައެވެ. މިޓީމުގައި ހިމެނެނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ކޯވިޑްގް-19ގެ ޙާލަތާ ގުޅޭގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑރ.ޢަލީ ލަތީފެވެ. މި ބޭފުޅުން ނަރުދުއަށް ވަޑައިގަތީ އެރަށުން 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ އެރަށުގައި މުޖުތަމަޢަށް ބަލި ފެތުރޭފަދަ ޙާލަތެއް އޮވެދާނެތީ އެރަށުގައި ހުރި އިންތިޒާމްތަކާއި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެރަށުގެ ޓާސްކްފޯހާއި މިޓީމުން ބައްދަލުކޮށް ރަށުގެ ތައްޔާރީތައް ބަލައި، އެރަށުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

"މިދަތުރަށްފަހު ފާހަގަކުރެވުނު ކަންތައްތައް، ހުރި ގެޕްތަކަށް އެޓެންޑުވުމުގެ ގޮތުން ނުވަތަ ރަނގަޅުކުރަންޖެހޭ ކަންކަމަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދާނެ" މަބްރޫކް ވިދާޅުވިއެވެ.

ށ.ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އެންއީއޯސީން ނިންމާފައިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ދިމާވި ބަޔަކު އެރަށުން ޕޮޒިޓިވްވެފައިވާތީއެވެ. އަމާޒްބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި، އަދި އެބޯޓުން ދަތުރުކުރި މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެވި އުތުރުގެ 4 އަތޮޅެއްގެ އެކި ރަށްތައްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.