ފޯނާއި އިންޓަނެޓުގެ ބިލު ނުދެއްކުނުނަމަވެސް މިޙާލަތުގައި ޚިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް ޚިދުމަތްދޭ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.
މިނިސްޓަރ މިހެން ގޮވާލައްވާފައިވަނީ މިޙާލަތުގައި އިންޓަނެޓާއި ފޯނުބިލު ނުދެއްކޭ މީހުންގެ ޚިދުމަތް މެދުކަނޑާލުމަކީ އެންމެ އިންސާފުވެރިގޮތްކަކަށް ނުފެންނަ ކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވަނީ އެޓުވީޓަށް ތާޢިދުކޮށް މި ދަނޑިވަޅުގައި ޚިދުމަތް މެދުނުކެނޑުމަށް ގޮވާލާފައެވެ.
މި ޓުވީޓަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ މިދަނޑިވަޅުގައި މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އުރީދޫ އިން ދެމުންދާ އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ދަނޑިވަޅުގައި ފޯނާއި އިންޓަނެޓު ކަނެކްޝަންސް ޑިސްކަނެކްޓު ކުރުން މެދުކަނޑާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކިލައްވާކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުމާ ގުޅިގެން ބައެއް މީހުންގެ ވަޒީފާ ގެއްލި މުސާރަ ވަނީ ކުޑަކޮށްފައެވެ. ޚާއްސަކޮށް އަމިއްލަ ކުންފުނިތަކާއި އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ޢާމްދަނީ ލިބޭނެ މަގުތަށް ވަނީ ބަންދުވެފައެވެ.