ކޯވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދު ފުރަބަންދެއްގައި އޮތްއިރު މިހާރު ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ވިޔަފާރިކުރަން ފިހާރަތަކަށްދާން ބޭރަށް ނުކުންނަ މީހުންގެ ފަރާތުން ކަމަށް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އެހެންކަމުން މިދުވަސްވަރު ވިޔަފާރިކުރުމަށް ބޭރަށް ނުކުންނަ މީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރެއްވިއެވެ. މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި އަދި މިހާރު މިބަލި މުޖުތަމަޢަށް ފެތުރޭ ޙާލަތަކަށް ގޮސްފައިވުމުގެ ސަބަބުން މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފައެވެ.
އެހެންނަމަވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމުގެ ހުއްދަދެމުންދެއެވެ. ވިޔަފާރުކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހަކު ކޮންމެ ގޭބިސީއަކުން އެކަކަށް ފުލުހުން ދަނީ ހުއްދަ ދޫކުރަމުންނެވެ. މިގޮތަށް ހުއްދަ ދީފައިވީނަމވެސް ބޭރަށް ނުކުމެ އުޅޭ އިރު ސަމާލަކުކަންދޭންޖެހޭ ކަންތައްތައް އެބަހުއްޓެވެ.
މިދުވަސް ވަރު މާލޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު މިހާރު ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ވިޔަފާރިކުރަން ފިހާރަތަކަށްދާން ބޭރަށް ނުކުންނަ މީހުންގެ ފަރާތުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވަނީ ވިޔަފާރިކުރަން ބޭރަށް ނުކުންނަ ފަރާތްތަކުން ކަންތައްތަކަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
މިގޮތުން އެއްޗެހި ގަންނަން ފިހާރައަށް ދާ މީހުން ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި މާސްކް އަޅައިގެން ފިހާރައަށް ދިއުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ވިޔަފާރިކޮށް ނިމިގެން ގެއަށް ވަންނަ ގޮތަށް އަތް ދޮވެ ސާފުކުރަން ޑރ.އަފްޒަލް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ގަންނަ ތަކެއްޗަކީ ސާފުކުރެވޭ ކަހަލަ އެއްޗަކަށް ވާނަމަ އެ ސާފުކޮށްލުމަށް އިލްތިމާސްކުރެއްވިއެވެ.
"ރެޑީމޭޑް އެއްޗެއް ނަމަވެސް، ގޭގައި ހުންނަ ކޮންޓެއިނަރަކަށް އެ ބަދަލުކޮށް، ފިހާރައިން ގެނައި ޕެކޭޖިން ރައްކާތެރިގޮތުގައި އެއްލައިލާ. އަދި އެއަށްފަހުވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވޭ."ޑރ.އަފްޒަލް ވިދާޅުވިއެވެ.
މިދުވަސްވަރު ގޭގައި ތިބެގެން ޑެލިވަރީގެ ޚިދުމަތް ހޯދިޔަސް މާގިނައިން އެ ޚިދުމަތް ހޯދުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.
އަދި ޑެލިވަރީ ކުރާ ޢަދަދު މަދުކުރުމަކީވެސް ވަރަށް މުހިއްމުކަމެކެވެ.
ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަންގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވަނީ ޑެލިވަރީ ކުރާ ކޮންމެ ފަހަރަކު ގިނަ ޢަދަދެއްގެ ތަކެތި އެއްފަހަރާ ޑެލިވަރ ކުރެވޭނެނަމަ އެކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޑެލިވަރީ ކުރާ މީހުންނާ ދިމާވާ ނިސްބަތް މަދުވާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ މަސައްކަތްތުގައި އުޅޭ މީހުންވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ވިޔަފާރި ކުރުމަށްދާ މީހުންނާއި ގޭގައި ތިބެގެންވެސް ޑެލިވަރީގެ ޚިދުމަތް ހޯދާ މީހުންވެސް މިކަމަށް ސަމާލުކަން ދޭން އެބަޖެހެއެވެ.