ޚަބަރު

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ އެރައިވަލްސް މިއަހަރު %60-80 ދަށަށް ދާނެ


2020 ވަނަ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ އެއަރައިވަލްސް 60-80 އިންސައްތައާ ދެމެދަށް ދަށަށް ދާނެކަމަށް އދގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯއިން ބުނެފިއެވެ.

މިއީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ އެރައިވަލްސް ދަށަށް ދާނެކަމަށް ކުރިން ޔޫއެންޑަބްލިއުޓީއޯއިން އަންދާޒާ ކުރިވަރަށްވުރެ އިތުރު އަދަދެކެވެ.

އެޖަމިއްޔާއިން ބުނީ މިއަހަރުގެ ފުރަތަމަ ތިން މަހު ފަތުރުވެރިކަމުގެ އެރައިވަލްސް އޭގެ ކުރީ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 22 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މާރޗް މަހު އެކަނި އެރައިވަލްސް 57 އިންސައްތަ ދަށަށް ދިޔަކަމަށެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރަނީ އޭޝިއާ އަދި ޔޫރަޕަށް ކަމަށް އދ ގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާއިން ބުނިއެވެ.

ޔޫއެންޑަބްލިއުޓީއޯއިން ބުނީ ޤައުމުތަކުން ފަތުރުވެރިކަން ހުޅުވާ ތަރީހުގެ ސަބަބުން މިއަހަރުގެ ޖުމްލަކޮށް މިދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރެވޭނެކަމަށެވެ. މިގޮތުން އެންމެ އަވަހަށް ޖުލައިމަހާއި ހަމަޔަށް ޤައުމުތަށް ފަތުރުވެރިކަމަށް އަލުން ހުޅުވައިފިނަމަ އެރައިވަލްސް ވެއްޓޭނީ އެންމެ 58 އިންސައްތަ އަށް ކަމަށެވެ. އަދި ސެޕްޓެންބަރު މަހު ހުޅުވައިފިނަމަ އެރައިވަލްސް ދަށަށް ދާނީ 70 އިންސައްތަކަށާއި ޑިސެންބަރަށް ލަސްކޮށްފިނަމަ މުޅި އަހަރުގެ އެރައިވަލްސް 78 އިންސައްތައަށް ދަށަށްދާނެކަމަށެވެ.

މީގެއިތުރުން އެޖަމިއްޔާއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައި އޮތުމުގެ ސަބަބުން މިއަހަރު ތެރޭގައި ލިބޭ ގެއްލުން 910 ބިލިއަން ޑޮލަރާއި 1.2 ޓްރިލިއަން ޑޮލަރާއި ދެމެދަށް އަރާނެކަމަށެވެ. އަދި މިދާއިރާއިން ގެއްލޭ ވަޒީފާތަކުގެ އަދަދު 100 އާއި 120 މިލިއަނަށް އަރާނެކަމަށެވެ. ޔޫއެންޑަބްލިއުޓީއޯއިން ބުނީ ކޯވިޑް-19 ގެ ސަބަބުން ފަތުތުވެރިކަމަށް ކުރާ އަސަރުތަައް ކުޑަކުރެވޭނީ ޤައުމުތަކުން ވިސްނުން ތެރިކަމާއެކު ފިޔަވަޅުތައް އަޅާ ވީހާވެސް އަވަހަށް ފަތުުރުވެރިކަން ފަށައިގެންކަމަށެވެ.

2020 ވަނަ އަހަރު ފެށުނު އިރު އދގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯއިން ވަނީ މިއަހަރު ދުނިޔޭގެ ފަތުރުވެރިކަން 3-4 އިންސައްތައާއި ދެމެދު މަތިވާނެކަމަށް އަންދާޒާކޮށްފައެވެ.
ނަމަވެސް ކޯވިޑް-19 ގުޅިގެން ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ދަތުރުފަތުރު ހުއްޓާލުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މިކަމާއި ގުޅިގެން މިއަހަރު ތެރޭގައި ފަތުރުވެރިކަން 20-30 އިންސައްތަ ދަށަށް ދާނެކަމަށް ޔޫއެންޑަބްލިއުޓީއޯއިން ވަނީ މާރޗް މަހު ބުނެފައެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުމަށް ރިއާޔަތްކޮށް ދުނިޔޭގެ އެއަރައިވަލްސް 60-80 އިންސައްތަޔާއި ދެމެދު ދަށަށް ދާނެކަމަށް ޔޫއެންޑަބްލިއުޓީއޯއިން މިހާރު މިވަނީ އަންދާޒާކޮށްފައެވެ.

ޔޫއެންޑަބްލިއުޓީއޯއިން ބުނާގޮތިގައި މިއީ 1950 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ގޮތުން ފަތުރުވެރިކަމުގެ ރެކޯޑްތައް އެޖަމިއްޔާއިް އެއްކުރަން ފެށިފަހުން މިހާބޮޑަށް މިދާއިރާއަށް މިފަދަ ގެއްލުމެއް ލިބޭ ފުރަތަމަ ފަހަރު ކަމަށެވެ.

ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ލިބެންމުންދާ ގެއްލުމުން އަރައިގަންނަން ކުރާ މަސައްކަތުގެ އަސަރު ފެންނަން ފަށާނީ މިއަހަރުގެ ފަހު ކުއާޓަރުގައެވެ. އަދި ލިބިފައިވާ ގެއްލުންތަކުން އެންމެ އަވަހަށް އަރައިގަންނަން ފަށާނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުންކަމަށެވެ.

އެންމެ ފަހުން ދުނިޔޭގެ ފަތުރުވެރިކަމަށް މިފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފައިވަނީ 2009 އަހަރުގެ ރިސެންޝަންގެ ދުވަސްވަރެވެ. ފަތުރުވެރިކަމަކީ ދުނިޔޭގެ އިޤްތިސާދީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހިއްސާ ކުރާ އިންޑަސްޓަރީއެކެވެ،