ވިޔަފާރި

ޤަތަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އަށްޑިހަ މަންޒިލަކަށް އަލުން ފަށަނީ


އަންނަ މަހުގެ ފަހުކޮޅު ޤަތަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އަށްޑިހަ މަންޒިލަކަށް ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޤަތަރު އެއަރވޭސްއިންވެސް ވަނީ އެ އެއަރލައިނުން ކުރަމުން އައި ބައެއް ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައެވެ. އެ އެއަރލައިނުން ބުނީ އަލުން ދަތުރުތައް ފެށުމަށް ރާވާފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފަސިންޖަރުންގެ ޑިމާންޑާއި، ޤައުމުތަކަށް އެތެރެވުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެންނަ ލުއިތަކަށް ބަލާނެ ކަމަށެވެ.

ޤަތަރުގެ ޤައުމީ އެއަރލައިން ޤަތަރު އެއަރވޭސްއިންދަނީ ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައިވެސް 30 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. މިދަތުރުތަކުގައި މިލިއަނެއްހާ މީހުން އަނބުރާ ޤައުމުތަކަށް ގެންދެވިފައިވާނެ ކަމަށާއި 100،000 ޓަނުގެ ސިއްޙީ ސާމާނު އުފުލާފައިވާނެ ކަމަށް ޤަތަރު އެއަރވޭސްއިން ބުނެއެވެ.

80 މަންޒިލަކަށް އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، މިމަހުގެ ފަހުކޮޅު އޭގެތެރެއިން 50 މަންޒިލަކަށް ދަތުރުތައް ފެށޭނެކަމަށް ޤަތަރު އެއަރވޭސްއިން ހާމަކުރެއެވެ.

ޤަތަރު އެއަރވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އައި އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. އެ އެއަރލައިނުން އާއްމުގޮތެއްގައި ކޮންމެ ދުވަހަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވައެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެ އަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ.