މިއަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ އޭގެ ހައްޤުވެރިންނަށް ދޭން ނިންމާފައިވަނީ އެމީހުންގެ ބޭންކް އެކައުންޓަށް ޖަމާކޮށްގެން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަމަށެވެ. އެހެންމަވެސް މިވަގުތު ހާލަތަށް ރިޔާއަށް ކުރާނަމަ މީ ރަނގަޅު އަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާތަނަށް 53،597 މީހަކު މާލެ ސަރަޙައްދުން އޮންލައިންކޮށް ޒަކާތް ވަނީ ދައްކާފައެވެ. އަދި ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. ޒަކާތުގެ ފައިސާ މިއަހަރު ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށާއި އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހާލަތަށް ރިޔާއަތް ކޮށްފަ ކައުންސިލަށް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކުމަކީ ފަސޭހަކަމަކަށް ނުވާތީ މިގޮތަށް ހަމަޖެއްސީ. މިހާލަތުގައިވެސް ޒަކާތް ދެއްކުމަށްޓަކައި ރައްޔިތުން އިސްކަމެއް ދެއްވާ. މިދިޔަ އަހަރު އެކުލަވާލީ ފަޤީރުންގެ ލިސްޓްގައި ތިބި މީހުންނަށް ފައިސާ ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާނަން. ކުރީ އަހަރުތަކުގައި މިނިސްޓްރީއަށް އެމީހުން ގެނެސް ފައިސާ ހަވާލުކުރަނީ. ނަމަވެސް މިހާލަތުގައި އެމީހުންގެ އެކައުންޓަށް ޢީދު ނަމާދުގެ ކުރިން ފައިސާ ޖަމާ ކުރާގޮތަށް މި ހަމަޖައްސަނީ." އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ޒަރުރީ ބޭނުމަށް ބޭރަށް ނުކުންނަ ހުއްދައާއެކު ގޮސް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގައި އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. މިގޮތަށް ބެހުމަށް ނިިންމާފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.
އިސްލާމިކް މިނިސްޓްރީން މިފަހަރު ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް ނިންމާފައެވެ. އެހެންނަމަވެސް 5 ގޮތަކަށް އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދިރާގު، އުރީދޫ އަދި އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ. މާލެގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.
- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ
- ރަތް ހަނޑުލުންނަމަ 65 ރުފިޔާ
- އާދައިގެ ފުށުންނަމަ 12 ރުފިޔާ
- އާޓާ ފުށުންނަމަ 55 ރުފިޔާ
ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.