ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ މުހިއްމު ސާމާނުތައް ރާއްޖެ ގެނެސްފި


ކޯވިޑް-19 އަށް ފަރުވާދިނުމަށް ހަދާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ މުހިއްމު ގިނަ ސާމާނުތައް ރާއްޖެ ގެނެސްފިއެވެ.

މި ތަކެތި ރާއްޖެ ގެނެސްފައިވަނީ ބަނލަދޭޝްގެ ޤައުމީ އެއާލައިން، ބީމާން އެއާލައިން ރޭގެ ވަގުތެއްގައެވެ. ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްޤީކުރަން ބޭނުންވާ ބައެއް ސާމާނާއި ބައެއް ބޭހާއި މެޑިކަލް ސާމާނެވެ.

ބަންގްލަދޭޝްގެ ބީމާން އެއާރލައިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި ތަށިވެފައިތިބި 500 އެއްހާ ބަނގްލަދޭޝްގެ ރައްޔިތުން ރާއްޖެ ގެންދިއުމަށެވެ. ޤައުމަށް އަނބުރާ ދާން ބޭނުންވިނަމަވެސް، ދެވޭނެ މަގެއް ނެތް ބައެއް ބިދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ތަރައްޤީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޚިދުމަތް ދޭން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ތަނުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިހާރު ކުރަމުން އަންނަނީ އެތަނަށް ބޭނުންވާ އެނދުތަކާއި ސިއްޙީ އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

މިތަނުގެ މަސައްކަތް އެއްކޮށް ނިމުމަކާއި ގާތްވެފައިވާއިރު ތަނުގެ ބާކީ ހުރި މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދާކަން އެތަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމެއެންޑީއެފުން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ބޭތިއްބުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މިތަނުގައި 289 އެނދު ހުންނާނެއެވެ. މި ފެސިލިޓީގެ އެކޮމަޑޭޝަން ބްލޮކްގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ މާހިރުންނަށް ތިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި އިމާރާތުގައި ބަދިގެއަކާއި، ކުނި މެނޭޖްކުރާ ޔުނިޓަކާއި ލޯންޑްރީވެސް ހުންނާނެއެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.

މި ފެސިލިޓީ އިމާރާތްކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާނީ އެމްއެންޑީއެފްއެވެ. އޭގެ އިތުރުން އެމްޑަބްލިއުއެސްސީ، ފެނަކަ، ސްޓެލްކޯ، ވެމްކޯ، އެޗްޑީސީ، އެލިއާ، އަމީން ކޮންސްޓްރަކްޝަން، އާރުސީސީގެ އިތުރުން ބައެއް ކުންފުނިތަކުން ބައިވެރިވެއެވެ.