ވިޔަފާރި

މިހާތަނަށް 16000 ލޯނެއް ފަސްކޮށްދިނުމަށް ހުށަހަޅާފައިވޭ- ބީއެމްއެލް


ބީއެމްއެލުން ނަގާފައިވާ ލޯނު 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 16000 ލޯނެއް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ކޯވިޑް-19ގެ ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސައީދު ވިދާޅުވީ ލޯނަށް އަނބުރާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ލިބެމުންދާ ފޯމްތައް ޕްރޮސެސްކުރުމުގައި އިސްކަން ދެމުންދަނީ އެންމެ ފުރަތަމަ ލިބޭ ފޯމެއް އެންމެ ފުރަތަމަ ޕްރޮސެސްކުރުމަށް ކަމަށެވެ.

ލޯން ފަސްކުރުމުން ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށާއި، ޖެހިގެން އަންނަ 6 މަސްދުވަހު ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ 20 އިންސައްތަ މަދު އަދަދެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއްވައެވެ.

ލޯނުދެއްކުން ފަސްކުރި ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް، ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވަނީ 6 މަސް ދުވަސް އިތުރުކޮށްފައެވެ.

ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. މިމުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށާއި، ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެނެވެ.