ޚަބަރު

މިއަހަރު މިހާތަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މިދިޔަ އަހަރުގެ މިމުއްދަތަށްވުރެ އިތުރު


މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ވިއްސަކަށް ދުވަހާ އަޅާބަލާއިރު، މިއަހަރުގެ ރަމަޟާންމަހުގެ މި މުއްދަތުގައި ފިޠުރު ޒާކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދަޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުން ލިބިފައިވަނީ 2275465 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2579857 ރުފިޔާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރާއަޅާބަލާއިރު 304392 ރުފިޔާ އިތުރު އަދަދެކެވެ.

ފާއިތުވެ ދިޔަ 3 އަހަރުދުވަހުގައި އެންމެ ގިނައިން ޒަކަތުގެ ފައިސާ ލިބިފައިވަނީ 2019 ވަނަ އަހަރުގައެވެ. އެއަހަރު މާލެ ސަރަޙައްދުން ވަނީ 5651268 ރުފިޔާ ލިބިފައެވެ. 2018ވަނަ އަހަރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙާއްދުން ލިބިފައިވަނީ 4487804 ރުފިޔާއެވެ. އަދި 2017 ވަނަ އހަރު ލިބިފައިވަނީ 4452975 ރުފިޔާއެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަަލއިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން 5 ގޮތަކަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދިރާގު، އުރީދޫ އަދި އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ. މާލެގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.

މާލެ، ވިލިމާލެ، ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

  • އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ
  • ރަތް ހަނޑުލުންނަމަ 65 ރުފިޔާ
  • އާދައިގެ ފުށުންނަމަ 12 ރުފިޔާ
  • އާޓާ ފުށުންނަމަ 55 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގައި އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. މިގޮތުން މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.