ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ދޮރު މިވަނީ ވަގުތީ ގޮތުން ބަންދުވެފައެވެ. މިކަމުގެ ސަބަބުން ޗުއްޓީ ހޭދަކުރުމަށާއި، އެހެނިހެން ކަންކަމުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ތިބީ ގެތަކުގައި ބަންދުވެ، އަލުން ތަނަކަށް ދަތުރުކުރެވޭނެ ދުވަހަކަށް ކެތްމަދުވެފައެވެ. ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުން މިދަނީ ލޮކްޑައުންތައް އުވާލާ، ކޮންމެސް މަންޒިލަކަށް ދަތުރުކުރެވޭނެ ވަގުތަކަށެވެ.
މިހެން ތިބެ ގިނަ ފަރާތްތަކުން ދަނީ ދެން އެންމެ އަވަހަށް ދަތުރުކުރެވޭނެ މަންޒިލެއް ހޯދުމަށް ގޫގަލްގެ އެހީތެރިކަން ހޯދަމުންނެވެ. އެކި މަންޒިލްތަކުގެ ތަފްސީލްތަކާއި ޓިކެޓު އަގުތައް ބަލަމުންދާއިރު، މިބަލިމަޑުކަން ފެށުނު ފަހުން ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ އަދަދަކަށް މީހުން ދަތުރުކުރުމަށް ހޯދި އެއް މަންޒިލެއްގެ ގޮތުގައި ވެފައިވަނީ ރާއްޖެއެވެ. މިގޮތުން ރާއްޖޭގެ ތަފްސީލްގެ އިތުރުން ރާއްޖެ އައުމަށް ޓިކެޓުގެ ތަފްސީލްތައް ދަނީ އިންޓަރނެޓް މެދުވެރިކޮށް ގިނަ ބައެއް ހޯދަމުންނެވެ.
ގޫގްލްގެ ސާރޗް ޑޭޓާ ދައްކާގޮތުން "ފްލައިޓްސް ޓު މޯލްޑިވްސް" އަދި "ޓްރިޕްސް ޓު މޯލްޑިވްސް" މި ދެ ފްރޭޒްއަކީ އެންމެ ގިނައިން މީހުން މި ބަލިމަަޑުކަމުގެ ދުވަސްވަރު ސާރޗްކޮށްފައިވާ ދެ ފްރޭޒްއެވެ. މިޑޭޓާއަކީ އޭޕްރިލް 1 މޭ 11 އަށް އެންމެގިނައިން އެމެރިކާ ސަރަހައްދުން ގޫގްލް މެދުވެރިކޮށް ކޮށްފައިވާ ސާރޗްތަކެވެ.
2019 ވަނަ އަހަރު އެމެރިކާ ބައްރުން އެންމެ ގިނަ މީހުން ގޫގްލް މެދުވެރިކޮށް ސާރޗް ކޮށްފައިވާ މަންޒިލަކީވެސް ރާއްޖެއެވެ. އަނެއްކޮޅުން ކޯވިޑް-19 އާ ގުޅިގެން ޤައުމުތަކުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމުން އެންމެ އަވަހަށް ސެލެބްރިޓީން ދާނެ 8 މަންޒިލްގެ ތެރޭގައިވެސް ރާއްޖެ ހިމެނޭ ކަމަށް އިނގިރޭސިވިލާތުގެ ސެލެބްރިޓީ ނިއުސް ސައިޓް ހެލޯ މެގަޒިންއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ފެންވަރުގައި މަޤުބޫލު މަންޒިލެކެވެ. މިގޮތުން ސަރަަހައްދީ، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށާއި، ރާއްޖޭގައި ހިންގާ ރިޒޯޓުތަކަށް ވަކިވަކިން ވަނީ މިދިޔަ 40 އަހަރުގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި ނެގިފައިވާ ގިނަ އެވޯޑުތަކެއް ލިބިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވުމަށް ހާއްސަ އުސޫލުތައް ކަޑައަޅާ ގިނަ ތައްޔާރީތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުން ދަނީ ކުރަމުންނެވެ.