ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މިމަހުގެ 31ވަނަ ދުވަހު އޮންލައިންކޮށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކިޔެވުންތައް ފެށުމަށް ނިންމާފައިވާކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އެމްއެންޔޫގެ ކިޔެވުން ހުއްޓާލާފައި އޮންނަތާ ވަރަށްގިނަދުވަސް ވެއްޖެކަމަށާއި އުއްމީދު ކުރަނީ ވީއެންމެ އަވަހަކަށް އޮންލައިންކޮށް ނަމަވެސް ކޯސްތަކުގެ ކްލާސްތައް ފެށުމަށްކަމަށެވެ.
އަދި މިގޮތަށް އޮންލައިންކޮށް ކްލާސްތައް ގެންދިޔުމުގައިވެސް ކުރިއަށްގެންދާނީ މުދައްރިސާއި ދަރިވަރުން ކޮންމެހެން ދިމާވެ ކިޔަވަންޖެހޭ މާއްދާތައްނޫން އެހެން މާއްދާތައްކަމަށް އޭނާ ވިދާޅުވިއެވެ. ޝާހީން ވިދާޅުވީ ޢަމަލީ ތަޖުރިބާ ހޯދަންޖެހޭ މާއްދާތައް ކުރިއަށް ގެންދަން އަދި ނިންމާފައި ނުވާކަމަށެވެ.
އަދި ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރި ނުވެވުނަސް ފަހުން ފިލާވަޅުތައް ބަލާލެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށާ، އެމްއެންޔޫގައި ޤާއިމްކޮށްފައިވަ "މޫޑަލް" މެދުވެރިކޮށް ފިލާވަޅުތައް ފަހުން ބަލާލެވޭނެކަމަށް ޝާހީން ވިދާޅުވިއެވެ. އަދި އެމްއެންޔޫ މިހާރުވެސް އޮތީ އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރަށްކަން ފާހަގަކުރައްވައި ޝަހީން ވަނީ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މުވާޞަލާތީ ޚިދުމަތްތަައް ފޯރުކޯށްދޭ ކުންފުނިތަކާއެކު މަޝްވަރާކުރުމަށްފަހު ދަރިވަރުނަށް ޚާއްސަ ސްޓޫޑެންޓް ޑާޓާ ޕެކޭޖް ހޯދާފައިވާކަން ޙާމަކުރައްވާފައެވެ.
"މޫޑުލް މެދުވެރިކޮށް ފިލާވަޅުތައް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. އެމްއެންޔޫގަިއ އޮންލައިންކޮށް ކިޔަވާދޭތާ 22 އަކަށް އަހަރުވެދާނެ. އިންޓަރނެޓް ނެތް ދަރިވަރުންނަށްވެސް ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދަނީ." ޢާއިޝަތު ޝާހީން ވިދަޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެންފެށި ހިސާބުން ކޮލެޖްތަލުގެ ކިޔެވުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭންފެށިއެވެ. އެހެނަމަވެސް މާލެ ފުރަބަންދުކޮށް ސަރުކާރު މުޅިން ބަންދުވުމާއެކު ކިޔެވުން މެދުކަނޑާލިއެވެ.
މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދަ މަސައްކަތުގެ އެކިކަންކަމުގައި އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންވެސް ދަނީ ކުރީ ސަފުގައި ޙަރަކާތްތެރިވަމުންނެވެ. މިގޮތުން 1300 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރސިުންދަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.