ވިޔަފާރި

87 އިންސައްތަ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރޭ- ބީއެމްއެލް


ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 87 އިންސައްތަ ކަސްޓަމަރުންނަކީ އިންޓަރނެޓް ބޭންކިންގ ބޭނުންކުރާ ކަސްޓަމަރުންކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ''ވޯކިންގ ފްރޮމް ހޯމް އެމްބުރޭސިންގ ޓެކްނޮލޮޖީ'' ވެބިނަރގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސައީދު ވަނީ ކޯވިޑް-19އާ ގުޅިގެން އެ ބޭންކުން ދޭ ޚިދުމަތްތައް އޮންލައިންކޮށް ދެމުންގެންދާ ގޮތުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ. އެގޮތުން ބެންކުގެ ދެލައްކައަށްވުރެ ގިނަ ކަސްޓަމަރުންގެ ތެރެއިން ބޮޑު އިންސައްތައެއް އޮންލައިން ބޭންކިންގ ބޭނުންކުރާކަން ސަޢީދު ފާހަގަކުރެއްވިއެވެ.

" މިހާ ހިސާބަށް ބަލާލާއިރު ބޭންކުގެ ދެ ލައްކަ އަށްޑިހަ ފަސްހާސް ކަސްޓަމަރުންގެ ތެރެއިން 86 އިންސައްތަ ކަސްޓަމަރުންނަކީ އިންޓަރނެޓް ބޭންކިންގ ބޭނުންކުރާ ކަސްޓަމަރުން، އެއީ ގާތްގަނޑަކަށް ދެ ލައްކަ ފަންސާސް ހާހާއި ގާތްކުރާ އަދަދެއް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މީގެކުރިން އޮންލައިންކޮށް ބަލައިގަންނަނީ ލުއި ލޯންތައް ފަދަ ބޭންކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދު ލޯންތައް ކަމުގައި ވިޔަސް ކޯވިޑް-19އާ ގުޅިގެން ހުރިހާ ލޯންތަކަށްވެސް އޮންލައިންކޮށް އެދުމުގެ ފުރުސަތުތައް ހުޅުވާލާފައިވާކަމަށެވެ.

ސަޢީދު ވިދާޅުވީ މިފަދަ ހާލަތެއްގައިވެސް ވިޔަފާރިތަކަށްވެސް އާއްމު ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް ފަސޭޙަވާނޭފަދަ ގޮތަކަށް ކަންކަން އިންތިޒާމްކޮށްފައިވާކަމަށެވެ. އެގޮތުން ބީއެމްއެލްގެ 90 އިންސައްތަ ޓްރާންސްއެކްޝަންތައް ބުރާންޗުން ބޭރުން މިހާރު ކުރިއަށްދާ ކަމަށާއި، ޓްރަންސްއެކްޝަން ޑިޖިޓަލްކޮށް ކުރިއަށްދާތީ ބޭންކުގެ ސްޓާފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރަން ފަސޭހަވެގެންދިޔަކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

ކޯވިޑްއާ ގުޅިގެން ވަރަށް ގިނަ ވިޔަފާރިތަކަކުން ވަނީ ފައިސާގެ ނޫޓު ގެންގުޅުން މަދުކުރުމަށް އޮންލައިންކޮށް ފައިސާދެއްކުމަށް ކަސްޓަމަރުންނަށް ބާރު އަޅަމުންނެވެ.