ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ހާލަތުގައި ނެތް ރަށްރަށުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލި ފެތުރިފައިނުވާ ރަށްތަކާއި އަދި މޮނިޓަރިންގެ ހާލަތުން ނަގާފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުންނާއި ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށައަޅަމުންދާތީކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ކުޅވަރު ކުޅުމުގެ ހުއްދަ ދިނުމަށްޓަކައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ހޯދާފައިވާކަމަށެވެ. މިގޮތުން ޓެގް ޓީމާއި އެޗްޕީއޭއިން ވަނީ ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައިނުވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުން ނަގާފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވުމާމެދު އިޢުތިރާޒެއް ނެތް ކަމަށް ވިދާޅުވިފައެވެ.
އެހެންނަމަވެސް، ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުމާއި ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން
ފާހަގަކުރައްވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވި ނަމަވެސް، ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެކަމަށް ކަމާބެހޭ އެޖެންސީތަކުން ފާހަގަކުރައްވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުން އެންމެ ފުރަތަމަ ލުޔެއްގެ ގޮތުގައި ހުއްދަ ދޫކޮށްފައިވަނީ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދައެވެ.