ވިޔަފާރި

ޑިސްކައުންޓާއެކު ވަރަށް ގިނަ ކަސްޓަމަރުންގެ ބިލުތައް މިމަހު ކުޑަވެފައިވޭ


ޑިސްކައުންޓު ދިނުމުގެ ސަބަބުން ސްޓެލްކޯގެ ވަރަށް ގިނަ ކަސްޓަމަރުންގެ ބިލުތަކަށް ފާހަގަވާ ވަރަށް މިމަހު ކުޑަވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޤްނީ ވިދާޅުވީ ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށްވެސް 40 އިންސައްތަ ޑިސްކައުންޓު ދީފައިވާކަމަށެވެ. އަދި މިޑިސްކައުންޓާއެކު ވަރަށް ގިނަ ކަސްޓަމަރުންގެ ބިލްތަކަށް ފާހަގަވާ ވަރުގެ ބަދަލެއް އައިސްފައިވާކަމަށް މުޤްނީ ވިދާޅުވިއެވެ.

" އަހަރުގެ ފުރަތަމަކޮޅުގައި ޔުޓިލިޓީ ބިލްތައް މައްޗަށްދޭ، ހޫނު މޫސުމާއި ދިމާވާތީ، %40 ގެ ޑިސްކައުންޓެއް ލިބުމުން ވަރަށް ގިނަ ފަރާތްތަކުގެ ބިލްތައް ވަނީ ކުޑަވެފައި، އެގޭ ފިގަރސްވެސް އެބަހުރި އަޅުގަނޑުމެން އަތުގައި،" މުޤްނީ ވިދާޅުވިއެވެ.

ކަރަންޓު ބިލު ކުޑަ ނުވާ ކަމަށާއި، ކަރަންޓު ބިލު އިތުރަށް ބޮޑުވެފައިވާކަމުގެ ޝަކުވާތައް އާއްމުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެހެންނަމަވެސް ސްޓެލްކޯއިން ވިދާޅުވީ ރޯދަމަހަކީ އާއްމުގޮތެއްގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި، ކަރަންޓު ބިލުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުވެސް ފެންނަން ހުންނާނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޢާއްމުންނަށް ދިމާވާނެ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުންވަނީ މެއިމަހާއި ޖޫންމަހުގެ ކަރަންޓުބިލުން %40 އުނިކޮށްފައެވެ.