ތާނަ ލިޔާއިރު ބައެއްފަހަރު ހަނި، ޖާގަނެތް ތަންތަނުގައި ފަލަ ސުރުޚީތައް ލިޔަން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންވަނީ ދިގުކޮށް ހަނިކޮށް ހުންނަ އަކުރުތަކެއް ހިމެނޭ ފޮންޓެވެ. މިފަދަ އިނގިރޭސި ފޮންޓުތައް އޮންލައިން ނޫސްތަކުގައި ސުރުޚީ ލިޔުމަށާއި މިނޫނަސް ޖާގަ ހަނިތަންތަނުގައި ލިޔުމަށް ބޭނުންކުރެއެވެ. އެހެންކަމުން މިފަހަރު މިއޮތީ ޖާގަ ނެތް ތަންތަނުގައި ފަލަ ސުރުޚީތައް ލިޔުމަށްޓަކައި ދިގުކޮށް އަދި ހަނިކޮށް އަކުރުތައް ހުންނަ ފޮންޓެއް ލިބިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ހަސަން ހަމީދު ތައްޔާރުކޮށްފައިވާ "އެމްވީ އޯޕަން ހަނި ފަލަ" މި ފޮންޓު ޑައުންލޯޑްކޮށްލައިގެން މިފަދަ ހަނި ތަންތަނުގައި ތާނަ އަކުރުން ލިޔެލުމުގެ ފުރުޞަތު ލިބޭނެއެވެ.
ތާނަ ޢާއްމުކޮށް ލިޔަނީ ރަހައިން 30 ދަރަޖައަށް މައްޗަށް ކަތިކޮށެވެ. މިއީ ވަރަށް ބޮޑު ކަތި މިންވަރެކެވެ. ޢާއްމުކޮށް އިނގިރޭސި އަކުރުތައް ކަތިކުރަނީ މިހާރަކަށް އައިސް 81 ދަރަޖަ އާއި 84 ދަރަޖައާ ދެމެދަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަތިމިން ހުންނާނީ އޮލަނބަށް ވުރެ 6 ދަރަޖައާއި 9 ދަރަޖައާ ދެމެދުގައެވެ. ގާތްގަޑަކަށް ތެދަށެވެ. އަކުރުތަކެއް ކަތިވި ވަރަކަށް ކިޔަން ދަތިކަމަށް ދިރާސާތަކުން ދައްކައެވެ. ޢާއްމުކޮށް އަކުރުތައް އެންމެ ކަތިކޮށް ލިޔަނީ ތާނައިގައެވެ. އަކުރުތައް ޢާއްމުކޮށް ކަތިކޮށް ހުންނަ މިނަށް ބަލާއިރު ތާނައަކީ ދުނިޔޭގެ ރެކޯޑެވެ. މިކަމުގެ ނަތީޖާއަކީ ތާނަ އަވަހަށް ކިޔަން ދަތިވުމެވެ. އެހެން މެދުވެރިވަނީ އިންސާނާގެ ލޮލުގެ އެތެރޭގައި ސެލްތައް އެތުރިފައި ހުންނަ ގޮތުންނެވެ.
އެހެންނަމަވެސް ތާނައަކީ ހުރިހާ ވޭލައަކު މިހާ ކަތިކޮށް ލިޔުނު އަކުރުތަކެއް ނޫނެވެ. ކުރީ ޒަމާނުގެ ލިޔުންތަކުގައި ތާނަ އަކުރުތައް ހުންނަނީ ތެދަށެވެ. އަކުރުތައް ކަތިކޮށް ލިޔެވެން ފެށީ މީގެ 200 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ އަކުރުތައް މިހާރުގެ އަކުރުތަކަށް ވުރެ ތެދުބޮޑުވެފައި ކިޔަން ފަސޭހަވާނެއެވެ.
ޑރ. ހަސަން ހަމީދު ތައްޔާރުކޮށްފައިވާ "އެމްވީ އޯޕަން ހަނި ފަލަ" ފޮންޓަކީ ގޫގުލް ފޮންޓެއް ކަމުގައިވާ އޯޕަން ސާންސް ކޮންޑެންސްޑް އަކުރުތަކާ އެކުމުތުވާ (ހާމަނައިޒްވާ) ގޮތަށް ފަރުމާކޮށްފައިވާ ފޮންޓެކެވެ. ޑރ. ހަސަން ހަމީދު ވިދާޅުވީ، މިފޮންޓުގައި ތާނައަކުރުތައް ހުންނާނީ މުޅިންހެން ތެދައްކަމަށެވެ. އަދި ދިގުމިނަށް ވުރެ ފުޅާމިން ހަނިކޮށް ހުންނާނެކަމަށާއި ބައެއް ކަހަލަ ބޭނުންތަކަށް މިއަކުރުތައް ކަމުދާނެކަމަށް އުއްމީދު ކުރަކަމަށެވެ. އަދި އަކުރުތަކުގެ ނަމަށް އެމްވީ އިތުރުކުރީ މި ފޮންޓު ކޮމްޕިއުޓަރުން ހޯދަން ފަސޭހަ ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މި ފޮންޓުގައި އަބަފިލި ކުރުކޮށް ތިއްކެއްގެ ގޮތުގައި ޖެހުމާއި އާބާފިލި ދެތިކީގެ ގޮތުގައި ޖެހޭނެގޮތަށް ވަނީ ފަރުމާކޮށްފައެވެ. އަދި އިބިފިއްޔާއި އީބީފިއްޔަށް ވެސް މި ބަދަލު ގެނެސްފައި ވާނެކަމަށް ޑރ.ހަސަން ހަމީދު ވިދާޅުވީ ތިކިޖެހި އަކުރުތައް ލިޔާއިރު މި ފިލިތަކާ އޮޅިދާނެތީ އަކުރުތަކުގެ ފިލިތައް މި ފޮންޓުގައި ހިމެނޭނީ ޢާއްމު އަކުރަކަށް ވުރެ މަތި ނުވަތަ ތިރި ނުވާނޭ ގޮތަކަށްކަމަށެވެ.
އެވޭލާ އަކުރުން ދިވެހި ލިޔާއިރު، އަބަފިއްޔެއް ނުޖަހައެވެ. ފިލިނުވާނަމަ، ބަލަނީ އަބަފިލި ކަމަށެވެ. މިއީ ދެކުނު އޭޝިޔާގެ ބަސްލިޔާ ގިނަ އަކުރުތަކުގެ ސިފައެކެވެ.