ވިޔަފާރި

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފިހާރައެއްގައި ޑިސްއިންފެކްޝަން ޗެމްބަރއެއް ބަހައްޓައިފި


ހުޅުމާލެ ފަހި ޕްލާޒާ ފިހާރައިގައި ޑިސްއިންފެކްޝަން ޗެމްބަރއެއް ބަހައްޓައިފިއެވެ. މިއީ ރާއްޖޭގެ ފިހާރައެއްގައި ޑިސްއިންފެކްޝަން ޗެމްބަރއެއް ބެހެއްޓި ފުރަތަމަ ފަހަރެވެ.

ޑިސްއިންފެކްޝަން ޗެމްބަރއެއް ބެހެއްޓުމުން ފިހާރައަށް ވަންނަ މީހުންގެ ފިނިހޫން މިން ބަލާލާއި، ފިހާރައަށް ވަންނަ މީހާގެ ގަޔަށް ޑިސްއިންފެކްޓެންޓް ސްޕްރޭއެއް ޖަހާލާނެއެވެ.

ފަހި ޕްލާޒާގެ ވެރިޔާ މުޙައްމަދު ޝިފާއު ވިދާޅުވީ މި ޗެމްބަރ ގަނެފައިވަނީ ދިވެހި ކުންފުންޏެއް މެދުވެރިކޮށް ބޭރުން ކަމަށާއި އޭގެ އަގު އުޅެނީ ގާތްގަނޑަކަށް 2500 ޑޮލަރާއި 3500 ޑޮލަރާއި ދެމެދުގެ އަގަކަށް ކަމަށެވެ. ޝިފާޢު ވިދާޅުވީ މިއީ އާ ޙިދުމަތަކަށްވުމުން ބައެއް ކަސްޓަމަރުން ޗެމްބަރއިން ފިހާރައަށް ވަންނަން ޖެހިލުންވާ ކަމަށެވެ. އެހެން ނަމަވެސް ގިނަ ކަސްޓަމަރުންނަށް ޑިސްއިންފެކްޝަން ޗެމްބަރ ކަމުދާކަން ޝިފާއު ފާހަގަކުރިއެވެ.

ފަހި ޕްލާޒާއިން ވަނީ ކޯވިޑް-19އާ ގުޅިގެން އެފިހާރައިން ވިޔާފާރިކުރާ ފަރާތްތަށް ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ފިހާރައިގެ ޖާގަ ބޮޑުކޮށް، ކިއު ހެދުމުގައި ބަހައްޓަންވީ މިންގަނޑު އަންގައިދޭ ފާހަގަތައް ޖަހާފައެވެ.

ކޯވިޑް-19އާ ގުޅިގެން ވިޔަފާރިކުރާ ތަންތަނުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ މެޝިންތައްވެސް ދަނީ ބޭނުންކުރަމުންނެވެ.