މިދަނޑިވަޅުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތައްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި " [އެންޓަރޕްރައިސް ޕްރެކްޓިސަސް އެންޑް ރެސްޕޮންސް ޑިއުރިންގ ކޯވިޑް-19" ވެބިނަރގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުންފުނީގެ ހިންގުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައިކަމަށާއި މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ މެޓީރިއަލްސްތައް ލިބުން ވަނީ ދަތިވެފައިކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މެޓީރިއަލްސް ނުލިބުނަސް މުވައްޒަފުންނާއި އިކުއިޕްމަންޓުތައް ބޭނުންނުކޮށް ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތައް ވާނެ ކަމަކަށްވާތީ، މި ދަނޑިވަޅުގައިވެސް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ގޮތަކަށް މަޝްރޫޢުތައް ހިންގަމުންދާކަމަށެވެ.
"މުވައްޒަފުންނާއި އިކުއިޕްމަންޓް އައިޑިލްކޮށް ބެހެއްޓުމަކީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއް، މިހުރިހާ ވަސީލަތްތަކެއް ކެނޑިނޭޅި މަސައްކަތްކުރެވޭނެ ގޮތަކަށް ޕްލޭންތައް ވަނީ ރާވާފައި، މި ކުންފުނީގެ އެއްވެސް މުވައްޒަފެއް އެއްވެސް އިކުއިޕްމަންޓެއް އެއްވެސް ސައިޓެއްގައި މަސައްކަތް ނުކޮށް ނުތިބޭނެ" އާޒިމް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ކުންފުނީގެ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފައިވުމާއެކު މިއަހަރުގެ ދެވަނަ ކުއާޓަރުގައި މާލީގޮތުންވާ ގެއްލުން ކުޑަކުރުމަށްވެސް މަސައްކަތްތައް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މާލީގޮތުން ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރަށް ލަފާކޮށްފައިވަނީ 250 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެކަމަށާއި، އެހެން ނަމަވެސް މިހާރު ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނަންވަނީ ޖެހިފައިކަން އާދަމް އާޒިމް ފާހަގަކުރެއްވިއެވެ.
"ސެކަންޑު ކުއާޓަރގައި ކޯވިޑް އާއި ގުޅިގެން ގެއްލުން ވިޔަ ނުދީ އަޅުގަނޑުމެން މިމަސައްކަތްކުރަނީ ބްރީކް އިވަން ކުރަން، މިއާއެކު ޖޫންމަހު ރަގަޅު ނަތީޖާތަކެއް ނެރެވޭނެ"، އާދަމް އާޒިމް ވިދާޅުވިއެވެ.
ކޯވިޑް19އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ މާލީ ނަތީޖާ ހޯދުމަށް މިއަހަރު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެކަމަށް އެމްޓީސީސީން ދަނީ ބުނަމުންނެވެ. ނަމަވެސް ފަތުރުވެރިކަމާއިއެކު ވިޔަފާރީތަކަށް މި ހާލަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ވިޔަފާރި ކުރިއަރުވަން ކުރެވެންހުރި މަސައްކަތްތައް ކުރާނެކަމުގެ ޔަޤީންކަން އެ ކުންފުނިންދެއެވެ.