ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން ނެރުމަށް ކުރު ކޯސްތަކެއް


މުޅި ރާއްޖެއަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް، ކުރު މުއްދަތުގެ ކޯސްތަކެއް ފެށުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހުރިއްޔާގެ ނައިބް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަން އާއި ކައުންސިލްތަކުގެ އިސްވެރިންނާއި ކަމާގުޅޭ ދައިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކުގެ ތެރެއިން ދިވެހިންނަށް އަދާކުރެވެންހުރި ވަޒީފާތަކަށް ވީހާވެސް ބޮޑަށް ދިވެހިން ހޯދުންކަމަށެވެ. އަދި ހަމަ އެއާއެކު ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ކުރިމަތިވެފައިވާ މި ޙާލަތަކީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ހޯދައިދިނުމަށް ލިބޭ ފުރުޞަތަކަށް ހަދައި ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ވާހަކުފުޅު ދެއްކެވިއެވެ. މީގެ އިތުރުން ދިވެހިންނަށް އަދާކުރެވޭނެ ހުރިހާ ވަޒީފާއަކަށް ހަމައެކަނި ދިވެހިން ނެގުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ޓުއަރިޒަމްގެ ދާއިރާގެ ބައެއް ބައެއް ވަޒީފާތަކަކީ ހަމަ އެކަނި ދިވެހިންނަށް ޚާއްޞަކޮށްފައި އޮންނަ ވަޒީފާތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ހަމަ އެއާއެކު މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ވަމުންދާތައްޔާރީތަކުގެ މަޢުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ

ކުރު މުއްދަތެއްގައި ފުރިހަމަކުރެވޭ ކޯސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ވިދާޅުވީ މީހުން ބިނާކުރުމަށް ޚާއްޞަކޮށްގެން ސްޓަޑީއެއް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ސެޓްފިކެޓް 3ގެ ލެވެލްގެ 20 ކޯހެއް ޑިޒައިންކޮށް، އެކޯސްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ކޯސްތައް ކުރިޔަށްދާނީ ތިއަރީގެ އިތުރުން ރިޒޯޓްތަކުގައި އަމަލީ ތަޖުރިބާ ފުރިހަމަ ކުރުމުގެ ބައެއް ހިމެނޭގޮތަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތަށް މިކަން ކުރުމަށް ނިންމަވާފައިވަނީ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވާ ވަޒީފާއަށް ލޯބި ޖެއްސުމަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ނައިބުރައީސް ވަނީ ކަމަބެހޭ ހުރިހާ އިދާރާތައް ގުޅިގެން އެކުގައި މަސައްކަތްކޮށް މި ކޯސްތައް އެންމެ ފުރިހަމަގޮތުގައި ހިންގައި ނަތިޖާ ނެރެދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ ކަންތައްތައް ބަލަހައްޓާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލަރުން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ނިއުނޯމަލް އަކުން ނޯމަލްއަށް ޤައުމުގެ ޙާލަތު ބަދަލުވެގެންދާއިރު ކުރިއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.