ޚަބަރު

ސްކޫލްތައް ހުޅުވުނަސް ޓެލިކިލާސްތައް ކުރިއަށް ގެންދާނެ: އެޑިއުކޭޝަން


ސްކޫލަތައް ހުޅުވުނުކަމުގައި ވީނަމަވެސް ޓެލިކިލާސްތައް ހުއްޓައި ނުލާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ޓެލިކިލާސް ތަކަކީ، މެދު ނުކެނޑި ކުރިއަށް ގެންދާ އެއްޗެއްގެ ގޮތަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަން ފެށުމުން ޓެލި ކިލާސްތައް ކުރިއަށް ގެންދާ މިންވަރު މަދުވާނެކަމަށާއި ވީހާވެސް ބޮޑަށް މުދައްރިސުންނަށް ފަސޭހަވާނެގޮތަށް ކިލާސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓެލިކިލާސްތައް ކުރިއަށް ގެންދިޔުމަކީ ކުރަން ވަރަށް މުހިއްމު ކަމެއްކަމަށާއި އެކި ސްކޫލްތަކުގެ މުދައްރިސުން ކިޔަވައިދެމުންދާގޮތް މުޅި ރާއްޖެއަށް ފެންނަމުންދާކަމަށެވެ. އަދި މިއަށްވުރެ މުހިއްމު ކަމެއްގެ ގޮތުގައި ޓިވީތައް މެދުވެރިކޮށް ގެނެސްދެމުންދާ ފިލާވަޅުތައް ފަހަށް ރައްކާކޮށް ބަލާލުމަށް ލިބިގެންދާ ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"500 އަށް ވުރެ ގިނަ މުދައްރިސުންގެ ކިޔަވައިދޭ ގޮތް ފެނިގެން އެބަދޭ. އެމީހުންގެ ކޮންފިޑެންސްވެސް އިތުރުވޭ އެބަ. މި ކްލާސްތަކަސް ބެލެނިވެރިންގެ ފަރާތުންވެސް ލިބެމުންދަނީ ޕްޒިޓިވް ކޮމެންޓް." އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދިޔަ "ޓެލިކިލާސް"ތަކަކީ، ރަނގަޅަށް އިންތިޒާމްކޮށްގެން ކުރިއަށްގެންގޮސްފައިވާ ކްލާސްތަކެއްކަމަށް ޔުނިސެފުންވެސް ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައު އާއްމު ހާލަތުގައި ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު ފަސް ސެޝަން ނަގައިދިނުމަށް ނިންމާފައެވެ. އަދި ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.