ކުދި ތަންތަނުގައި ޕްރީ ސުކޫލް ހިންގުން ހުއްޓުވުމަށް ތަޢުލީމާ ބެހޭ ޤާނޫނުން ބާރެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލު ދިރާސާ ކުރާ މަޖިލީހުގެ ޤައުމީ ތަރައްޤީއާ ތަރިކަ ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވަނީ މާލޭގައި ކުދި ކުދި ތަންތަން ކޮޅުގައި ޕްރީ ސުކޫލް ހިންގާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިބިލުގައި ތަޢުލީމް ދޭ ތަންތަން ހިންގާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު މިހާރު ހިންގާ ޕްރީ ސުކޫލުތައްވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ބިލު އެކުލަވާލަން ޖެހޭކަމަށެވެ.
އާތިޔާ ވިދާޅުވީ ޕްރީ ސްކޫލްތަކާއި ޕްރައިމަރީ ސްކޫލްތަކުގެ ގޮތުގައި ކިޔަވައިދޭ ތަނެއް ރަޖިސްޓްރީ ކުރާއިރު ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ. މި ބިލު ޤާނޫނަކަށްވެ ފާސްކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ކިޔަވައިދޭ ތަންތަން އަލުން ރެޖިސްޓްރީ ކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ދިނުމަށް ކޮމިޓީގައި އާތިޔާ ވަނީ އެދިވަޑައިގެންފައެވެ.
"ޕްރީ ސްކޫލެއް ވެއްޖެއްޔާ ޕްލޭ އޭރިއާއެއްވެސް އޮންނަން ޖެހޭނެ. ކްލާހުގައި ކޯނާ ތަކެއްވެސް ހެދިފައި ހުންނަން ޖެހޭނެ. އެކަހަލަ ވަރަށް ބައިވަރު ކަންތައްތަކެއް ހުރެގެން ޕްރީ ސުކޫލެއް ހިންގޭނީ. އެހެންނަމަވެސް ސިޓިންގް ރޫމެއްގެ ތެރޭގައި ރަޖިސްޓްރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސުކޫލް. އަލުން ރަޖިސްޓްރީ ކުރާއިރު އެހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައި ހުންނަތަންތަނަށް އޭރުން ފުރުސަތު ދެވޭނީ." އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވިއެވެ.
ސުކޫލްތައް ފިޔަވައި ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ތައުލީމުގެ ބިލުގައި ވަނީ ބުނެފައެވެ. ތަޢުލީމާ ބެހޭ ބިލުގައި ވަނީ އެތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ އުސޫލު ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހަދާ ޤަވާއިދެއްގެ ދަށުން ކަމަށެވެ. އަދި އެ ޤާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ހިންގާ ތަންތަންވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.