ގޭގައި ތިބެގެން ކާބޯތަކެތި ހައްދާ ފަރާތްތަކަށް އަމާޒްކޮށްގެން ގިނަ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭ ބަދިގެއެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން މިހާރުވަނީ މި ބަދިގޭގެ ޙިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ.
މިއީ ޔޫ.އެން.ޑީ.ޕީގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއި އެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ހިންގުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ. ކޯޝެއާޑް ކިޗެން، ނުވަތަ އެއްފަހަރާއި ގިނަ ބަޔަކަށް ބޭނުންކުރެވޭ ބަދިގެއެއް ހިމެނޭ ފެސިލިޓީ ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރެވެމުންކަމަށް ބީސީސީން ހާމަކުރެއެވެ.
ބީސީސީން ވިދާޅުވީ މިއީ އެންމެ ކުދި ވިޔަފާރިއާއި ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް، ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގައި ތިބެގެން ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް އަމާޒުކޮށްގެން ހުޅުވާ ތަނެއް ކަމަށެވެ.
ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބޭ، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ހުންނަންޖެހޭ ވަކި ސްޓޭންޑަޑަކަށް ފަރުމާކޮށްފައި ހުންނަ ތަންތަނެވެ.
ކޯ-ޝެއާޑް ކިޗަން ފެސިލިޓީ ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓްރީވެވޭނެ ކަމަށާއި، ފޯމްލުމުގެ ސުންގަޑިއަކީ އަންނަމަހުގެ 6 ވަނަ ދުވަހުގެ މެންދުރު 3:00 އަކަށްކަމަށް ބީސީސީން ހާމަކުރެއެވެ.
ލިންކް: https://forms.gle/Rv5Pdv64BUk57mtc8