ވިޔަފާރި

މެދު ރާސްތާގައި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ


މެދު ރާސްތާގައި ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން " ހައު ފައިނޭންޝިއަލް އިންސްޓިޓިއުޝަންސް ކޭން ސްޓެޕް އަޕް އެންޑް ފެސިލިޓޭޓު ބިޒްނަސް ޓްރާސްފޮމޭޝަންސް'ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ބޯޑުގެ ޗެއަރމަން އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި މެދުރާސްތާގައި ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ރޭޓުތައް އިތުރުކުރުން، އާ ޓެކްސްތައް ތައާރަފްކުރުން ނުވަތަ ޓެކްސްގެ ބޭސް ބޮޑުކުރުން ފަދަ ކަންތައްތައް ކުރަން ޖެހޭނެ ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

މެދު ރާސްތާއަކީ ކުރިއަށް އޮތް 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތެކެވެ. ސަރުވާޝް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މިކަމާއި ގުޅޭ ކަންތައްތައް ފެންނާނެ ކަމަށާއި ބަޖެޓުގެ އާމްދަނީގެ ޕޮލިސީއަށް އަންނަ ބަދަލުތައް އެކުލާވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

"ސަރުކާރަށް އާމްދަނީ އިތުރުވުން މުޙިއްމު އެހެން ނަމަވެސް އިޤްތިސާދަށް ގެއްލުންވާގޮތަށް އެކަން ކުރާކަށް ސަރުކާރުން ބޭނުމެއް ނުވޭ، ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތައްވާއިރު، މި ދަނޑިވަޅުގައި އިސްކަންދޭނީ ވިޔަފާރިތަކަށް އެހީވުމަށް،" ސަރުވާޝް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ޙަރަދުތައް އިތުރުވެ، ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއަހަރަށް ބަޖެޓް ފާސްކުރިއިރު ބަޖެޓް ޑެފިސިޓް 6 ބިލިއަން ރުފިޔާގައި ހުއްޓަސް ޑެފިސިޓް 15.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރައްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި ވެބިނަރގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ފަރާތްތަކެއް ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔަރ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބް، މާލީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޑރ.އައިޝަތު މުނީޒާ، އަދި އެސިސްޓަންޓް އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ހިމެނިވަޑައިގަންނަވައެވެ.