ޚަބަރު

ބުދަ ދުވަހުން ފެށިގެން އެންއީއޯސީގެ މަސައްކަތްތައް ހެލްތް މިނިސްޓްރީއަށް


އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އައު މަރުޙަލާއަކަށް ބަދަލުކޮށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުން އައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ޤައުމީ އޮޕަރޭޝަންގެ މަސައްކަތްތައް ވިލަރެސްކުރުމަށް ސަރުކާރުގެ ވަޒީރުންނާއި އެކިއެކި އިދާރާތަކުން ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުންދާ ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ "އެން.އީ.އޯ.ސީ"ގައި ހަރަކާތްތެރިވި އެންމެން މިހާތަނަށް ކޯވިޑް-19އާ ދެކޮޅަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވާފައެވެ.

އަދި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. ރައީސް ވަނީ ބައެއް އެހެން ޤައުމުތައް ދިޔަ ފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފައެވެ.