ޚަބަރު

ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު ޢިޢުލާންކުރާއިރު މަޖިލީހުގެ ރުހުން ހޯދަންޖެހޭގޮތަށް ހުށައެޅި އިސްލާހުގެ ބަލައިގެންފި


ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމަށް ނެރޭ ޤަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުންގެ ރުހުން ހޯދަންޖެހޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލް ބަލައިގަންނަން މަޖިލީހުން ފާސްކޮށްފިއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވި މިބިލް 64 މެމްބަރުންގެ އިއްތިފާގުން ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށްވަނީ އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

މިއީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭގޮތް އިންތިޒާމްކުރުމަށާއި، މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭގޮތް ހަދައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް މިހާރަށްވުރެބޮޑަށް ސާފުކުރުމުގެ ގޮތުން ހުށައަޅާފައިވާ ބިލެއްކަމަށް ބިލް ހުށައެޅުއްވި މެންބަރުވަނީ ވިދާޅުވެފައެވެ.

މި ބިލުގައިވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ސަތާރަވަނަ ބައިގެ ފަހަތަށް ބައެއް އިތުރުކޮށް އެއީ އެ ޤާނޫނުގެ އަށާރަ ވަނަ ބައިކަމަށް ހަމަޖައްސައި އެބަޔަށް 4 މާއްދާގެ އިތުރުކުރުމަށެވެ. އިތުރުކުރެވޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ އިޚްތިސާސްގެ ބައެވެ.

މިބައިގެ ފުރަތަމަ މާއްދާގައިވަނީ މި ޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާންވާނެކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ސިއްޙާތާއިބެހޭ ވަޒީރު ނެރެފައިވާ ގަރާރާ ގުޅިގެން، ކޮންމެ ވަގުތެއްގައިމެ، ކަންތައްތަކެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުން
  • މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން
  • ގަރާރު ބާޠިލްކުރުން
  • ޤަރާރަށް ގެންނަން، މަޖިލީހަށް ފެންނަ ބަދަލު ގެނައުން

މި އިސްލާހުގައިވާގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޙާލަތު ދެމެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިވަޑައިގެން ވަޒީރަށް ލަފާ އަރުވައިފިނަމަ، އެޤަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން އެ މުއްދަތު އިތުރުކުރާން ފާސްކުރަންވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށްފަހު އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހާ ޚަރަދުގެ ތަފްޞީލު، ޖެހިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިން، ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.