ޚަބަރު

ސްރީލަންކާގައި ނާދެވިތިބި އިތުރު 200 ދިވެހިން ބުރާސްފަތި ދުވަހު ރާއްޖެ ގެންނަނީ


ސްރީ ލަންކާގައި ރާއްޖެ ނާދެވިފައިވާ ތިބި އިތުރު 200 ދިވެހިން ބުރާސްފަތި ދުވަހު ރާއްޖެ ގެންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެއަށް ގެންނަނީ ޤައުމީ އެއަރލައިންގެ ޚާއްސަ ފްލައިޓެއްގައެވެ. އެ ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނެކަމަށާއި
ރާއްޖެ އައުމަށް ބޭނުންވެގެން ހައިކޮމިޝަނަށް އަންގަވާފައިވާ މީހުންނަށް ފްލައިޓާބެހޭ މައުލޫމާތު ހައިކޮމިޝަނުން ފޯރުކޮށްދެމުން ދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ސްރީލަންކާގައި ރާއްޖެ ނާދެވި ތާށިވެފައިތިބި 100އެއްހައި ދިވެހިން އޭޕްރީލް މަހުގެ 4ވަނަ ދުވަހުވެސް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން ބޭސްފަރުވާ ނިންމުމަށްފަހު ރާއްޖެ ނާދެވި އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެހިން މިއަދުވަނީ މޯލްޑިވިއަންގެ ފްލަިއޓެއްގައި ރާއްޖެ ގެނެސްފައެވެ. މޯލްޑިވިއަނުން ހާމަކުރާ ގޮތުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 އަށްވުރެ ގިނަ ދަތުރުކޮށް، 4000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއަށް ގެނެސްފައިވާނެއެވެ.