ވިޔަފާރި

ކޯވިޑްއަށް ބެލުމެއްނެތި ސަޢުދީގެ 20 ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓް ކުރިއަށް


އިޤްތިޞާދު ހީނަރުވެފައިވީނަމަވެސް ސަޢުދީ އަރަބިއާއިން ފަށާފައިވާ 20 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމާގުޅޭ މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އަންގަވައިފިއެވެ.

ސަޢުދީން ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ޓުއަރިޒަމް އެންޑް ކަލްޗަރ މަޝްރޫޢުއަކީ އެޤައުމުގެ ވެރިރަށް ރިޔާދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. "ދިރިޔާހް ގޭޓް"ގެ ނަން ދީފައިވާ މި ޕްރޮޖެކްޓް ހިންގާ އޮތޯރިޓީގެ ސީއީއޯ ޖެރީ އިންޒެރިއްލޯ ވިދާޅުވީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ސަރުކާރުން ވަރަށް ރަނގަޅަށް ހަމަޖައްސާފައިވާކަމަށެވެ. އަދި މިޕްރޮޖެކްޓްގެ މަސައްކަތަށް އެއްވެސް ލަސްވުމެއް ނުގެސް، ބާރަށް ކުރިއަށްގެންދިއުމަށްވެސް ޕްރިންސް މުހައްމަދު އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖެރީ ވިދާޅުވީ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢުގައި ހިމެނޭ ގިނަ މަސައްކަތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 2023ގެ ނިޔަލަށް ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަހަރެމެންނަކަށް ނޭނގޭ ކޯވިޑްގެ ސަބަބުން ކުރިމަތިވާނީ ކިހާ ވަރެއްގެ ގެއްލުމެއްކަމެއް. ނަމަވެސް ރަސްގެފާނާއި ޕްރިންސް ވަނީ ޔަޤީންކަން ދެއްވާފައި މިމަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާނޭކަން" ޖެރީ ވިދާޅުވިއެވެ.

"ދިރިޔާހް ގޭޓް" މަޝްރޫޢަކީ ފަތުރުވެރިކަމާއި އެޤައުމުގެ އަދާކާދަތަކާއި މުނިފޫހިފިލުވުމުގެ މައްޗަށް އެކުލެވޭ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 20 ހޮޓާ، 12 މިއުޒިއަމް އަދި ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއް ވަށައިގެން ގޮލްފް ކޯސްއެއް އެޅުމެއް ވަނީ ނިންމާފައެވެ. މިމަޝްރޫޢަކީ ތާރީޚަށް ޝަޢުޤުވެރިކަން ހުންނަވާ ސަޢުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒްއާއި ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ވަރަށް ބޮޑު އިސްކަމެއްދެއްވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ސައުދީ ސަރުކާރުންނާއި ބޭރުގެ އިންވެސްޓަރުންނެވެ.

ކޯވިޑް ސަބަބުން އިޤްތިޞާދީ ގޮތުން ގެއްލުންތައް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސަޢުދީ އަރަބިއާއަށް ކުރަން ފަށާފައިވާއިރު، ތެލުގެ އަގު ދަށްވުމުގެ ސަބަބުންވެސް އެޤައުމަށް ދަނީ ގެއްލުމާ ކުރިމަތިލަމުންނެވެ. މީގެ ސަބަބުން މިއަހަރު އެޤައުމުގެ ބަޖެޓް ޑެފިސިޓް ހުންނާނީ ޖީޑީޕީގެ 15 އިންސައްތައިގައިކަމަށް އެޤައުމުގެ އޮފިޝަލުން ބުނެއެވެ. މީގެ ސަބަބުން ދަރަނި ނަގާ މިންވަރު އިތުރުކޮށް، އެޤައުމުގައި ނަގާ ވެލިއު އެޑަޑް ޓެކްސް ވަނީ 5 އިންސައްތައިން 15 އިންސައްތައަށް ބޮޑުކޮށްފައެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ހިންގާ އެހެން އިންވެސްޓްމަންޓްތަކަށް ކުރާ ޚަރަދުވެސް ވަނީ ކުޑަކުރަން ފަށާފައެވެ.

ނަމަވެސް ޚަބަރުތައް ބުނާ ގޮތުން ޕްރިންސް މުހައްމަދުގެ "ވިޝަން 2020"ގައި ހިމެނޭ ގިނަ މަޝްރޫޢުތައް ދަނީ ބާރަށް ކުރިއަށެވެ. މިގޮތުން "ދިރިޔާހް ގޭޓް" މަޝްރޫޢުގެ އިތުރުން ރިޔާދު ކައިރީގައި ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ "އެންޓެޓެއިންމަންޓް ސިޓީ"ގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި 10 ބިލިއަން ޑޮލަރުގެ ޚަރަދުކޮށްގެން ރިޔާދުގައި ތަރައްޤީކުރާ "ފައިނޭންޝަލް ޑިސްޓްރިކްޓް"ގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ސަޢުދީ އަރަބިއާގެ ވަލީ އަހްދުގެ މަޤާމަށް މުހައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ސަޢުދީ އަރަބިއާއަށް އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން އިންޤިލާބީ ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން ސަޢުދީ އަންހެނުން ބާރުވެރިކުރުވާ، އެޤައުމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.