ރާއްޖޭގެ ގެސްޓްހައުސްތައް އަލުން ހުޅުވޭއިރު ހުރި ދަތިތަކާއި ގުޅޭގޮތުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްއިން ޙާއްސަ ސަރވޭއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ، މިއީ ޓޫރިޒަމް މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށްގެންދާ ސަރވޭއެއްކަމަށެވެ.
ޕީޢެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވިދާޅުވީ، ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސަރވޭގައި މައިގަނޑުގޮތެއްގައި ބަލާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ގެސްޓްހައުސްތަކަށް ހުރި ދަތިތަކާއި، އެމީހުންނަށް ބޭނުންވާ އެހީތެރިކަމަށެވެ.
މި ސަރވޭގެ ތެރެއިން ފެންބިލް ކަރަންޓް ބިލް ދެއްކުމަށް ދަތިވެފައި ތިބި ފަރާތްތަކާއި ދައްކަންޖެހޭ ޓެކްސްއެއް ނުދެއްކިގެން ދަތިވެފައި ތިބި ފަރާތްތައް ދެނެގަންނާނެއެވެ. އަދި ޓްރެވެލް އެޖެންޓުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް މުސާރައެއް ހުރިތޯއާއި އަދި މިނޫނަސް އެހީތެރިކަން ބޭނުންވަނީ ކޮންކަމަކަށްތޯ ބަލާނެކަމަށް ނާސިހް ވިދާޅުވިއެވެ.
"މިހާރު ސަރވޭގެ ސުވާލުތައް ތައްޔާރުވެފައި ހުރީ، އިރާދަކުރެއްވިއްޔާ 2 ދުވަހެއްގެ ތެރޭގައި ސަރވޭ ލޯންޗްކޮށް ފޯމުތައް ފޮނުވާލާނަން. އެންމެ ބޮޑަށް އަޅުގަނޑުމެން ކަލެކްޓްކުރާ އިންފޮމޭޝަންއަކީ މިވަގުތު ގެސްޓްހައުސްތައް ހުޅުވަން ބަލާއިރު ކޮބާތޯހުރި ދަތިތަކަކީ." ނާސިހް ވިދާޅުވިއެވެ.
މި ސަރވޭ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. މި ސަރވޭ ކުރިއަށްގެންދާނީ އޮންލައިން ފޯމު އެ ފަރާތްތަކަށް ފޮނުވައިގެންނެވެ. ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ އަމާޒަކީ އެންމެ މަދުވެގެން 50 އިންސައްތަ ގެސްޓްހައުސްތަކުގެ ޙިޔާލު މި ސަރވޭ މެދުވެރިކޮށް ހޯދުންކަމަށެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ މީގެކުރިން ކޯވިޑް19ގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ވަކިވަކި އަތޮޅުތަކަށް ސިލްސިލާކޮށް ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ.
މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު ނިންމާފައެވެ. އަދި އޮގަސްޓްމަހުން ފެށިގެން ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމަށް ދަނީ ތައްޔާރުވަމުންނެވެ.