ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމައިފި


ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދަޅުވީ، ފަހަކަށްއައިސް ސްޕޯޓްސް ކޯޕަރެޝަންގެ ބޭނުން އެކަށީގެންވާގޮތެއްގައި ނުހިފޭކަމުގެ ޝަކުވާ ގިނަވުމުގެ ސަބަބުން އެކަން އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކުރުމުންނެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ، މި ހަފްތާތެރޭގައި ބޭއްވުނު ކެބިނެޓް ވޯކިން ގުރޫޕުގައިވެސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާކަމަށެވެ. އެގޮތުން އެއްކަމަކަށް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށާއި، އަދި އެ ކޯޕަރޭޝަންއަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏަކަށްވެފައި، މިހާރު އެ ކޯޕަރޭޝަންގެ ފަރާތުން އެކަށީގެންވާވަރުގެ މަސައްކަތެއް ނުކުރެވި، އެކޯޕަރޭޝަންގެ ފަރާތުން ފައިދާއެއް ނުވާތީކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް، ކުޅިވަރުގެ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށްޓަކައި އުފާއްދާފައިވާ ސްޕޯޓްސް ކޯޕަރެޝަން ވުޖޫދަށް އައިސްފައިވަނީ 2015ވަނަ އަހަރުގެ މާރޗް މަހުގެ 15ވަނަ ދުވަހުއެވެ. އަދި އެ ކޯޕަރޭޝަންގެ މަގުސަދުގެތެރޭގައި ހިމެނެނީ، ރާއްޖޭގެ ކުޅިވަރު އޮނިގަނޑު ކުރިއެރުވުމާއި، ކުޅިވަރުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދީ، އެފަރާތްތަކުގެ ގާބިލްކަން އިތުރުކުރުމަށް ޕްރޮގުރާމްތަށް ރާވައި ހިންގުމުގެ އިތުރުން، އެތްލީޓުން ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުމެވެ.

ނަމަވެސް ކޯޕަރޭޝަނަށް ލިބިފައިވާ ހަމައެކަނި ޕްރޮޖެކްޓަކީވެސް އަދި އާމްދަނީއަކީވެސް މިނިސްޓްރީގެފަރާތުން ލިބުނު އެއްޗެއް ކަމަށް، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހުމަދު އެންމެފަހުން ބައްދަލުވީދުވަހު ވިދާޅުވިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން މިހާރު ފެންނަނީ، އެތަނަށް ބޮޑު ހޭދައެއްކޮށް، ނަމަވެސް އޭގެބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި ކަމުން މިހާރު އެތަނަކީ އުވާލަން ޖެހޭ ތަނެއްގެ ގޮތުގައިކަމަށެވެ.