ވިޔަފާރި

ރާއްޖެއިން ޔޫކޭއަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް އެއްބަސްވުމެއް ޤާއިމްކުރަނީ


ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށް ދިނުމަށް ދެޤައުމުގެ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އެހީތެރިވެދިނުމަށް އިނގިރޭސިވިލާތުގެ އޯލް ޕާޓީ ޕާލިމަންޓްރީ ގުރޫޕު، އޭޕީޕީޖީން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގައި ބޭއްވި އޭޕީޕީޖީގެ ބައްދަލުވުމުގައި މި ބައްދަލުވުމުގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރާހަނާޒް ފައިސަލް އަދި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބައިވެރިވެޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި އޭޕީޕީޖީގެ ޗެއާމަން އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، ޑޭވިޑް އެމެސް ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެއެވެ. އަދި ދެޤައުމު ދެމެދު މިކަމާއި ގުޅޭ ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އެހީތެރިވެދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޑޭވިޑް އެމެސް ވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައިވެސް ރާއްޖެ ފަދަ ކުޑަ ޤައުމަކުން ބޮޑު ޑިއުޓީއަށް ނަގާ މައްސަލާގައި ވާހަކަދައްކާފައެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު، އެހާ ބޮޑު ޑިއުޓީއަކާއެކު އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓުކޮށްގެންވެސް ލިބޭނީ ކުޑަ ފައިދާއެއްކަން އެމެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުވަނީ ޓުވިޓަރ މެދުވެރިކޮށް ޑޭވިޑު އަވެސްގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްވެގެން ދިޔުމަކީ ދިވެހި މަސްވެރިންނަށް އޭގެ ނަފާ ލިބިގެންދާނެ ކަމެއް ކަމަށް ޒަހާ ވިދަޅުވިއެވެ.

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އަރާފައިވާތީ، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުންއައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.

މިޢިނާތް އަލުން ހޯދުމަށް 2014 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ރާއްޖެއިން ކުރަންޖެހޭކަމަށް އީޔޫއިން ޝަރުތުކުރާ ގިނަ ކަންތައްތަކެއް ރާއްޖެއިން މިހާރު ފުރިހަމަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަލީލް ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކަން ނުޖެހެނީ އީޔޫގެ "ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް" (ޖީއެސްޕީ)ގެ ދަށުންނެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް ސާޅީސް އިންސައްތަ އެކްސްޕޯޓުކުރަނީ ޔޫރަޕަށެވެ. ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމަށް މިހާރު ސައުވީސް އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހެއެވެ.