ރާއްޖެއަށް އައުމަށް މާދަމާ ޝެޑިއުލްކޮށްފައިވާ ޤަތަރު އެއަރވޭސް ފްލައިޓަށް ޑިމާންޑު ބޮޑުވެ، ފުރަތަމަ ޝެޑިއުލް ކުރި ބޯޓަށްވުރެ ޖާގައިގެ ގޮތުން ބޮޑު ބޯޓެއް ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.
އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، އާޓާގެ ރައީސް ޔޫރުފް ރިއްފަތު ވިދާޅުވީ ޤަތަރު އެއަރވޭސްއިން ރާއްޖެއަށް މާދަމާ ދަތުރުކުރުމަށް ފުރަތަމަ ނިންމީ އޭ ތްރީ ޓުވެންޓީ މަރުކައިގެ ބޯޓެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް ސަތޭކަ ހަތްދިހަ މީހުންގެ ޖާގައިގެ ފްލައިޓުތަކެވެ. އެހެންނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުވެ، ޤަތަރު އެއަރވޭސްއިން މިހާރުވަނީ ރާއްޖެއަށް ކުރާ ދަތުރުގައި އޭ ތްރީ ފިފްޓީ މަރުކައިގެން ބޯޓެއް ބޭނުން ކުރުމަށް ނިންމާފައިކަމަށް ރިއްފަތު ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 300-350 ދެމެދުގެ އަދަަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ. މި ފްލަައިޓުގައި ރާއްޖެއަށް އަންނާނީ ގިނައިން ޔޫރަޕުގެ ފަތުރުވެރިންނެވެ.
ރިއްފަތު ފާހަގަކުރެއްވި ޖުލައިމަހަކީ އާއްމު ގޮތެއްގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާ މަހެއް ކަމަށެވެ. އަދި އޮގަސްޓުމަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ލަފާ ކުރެވޭކަމަށް ރިއްފަތު ވިދާޅުވިއެވެ.
ކޯވިޑް-19އާއި ގުޅިގެން ޤަތަރު އެއަރވޭސްއިންވެސް ވަނީ އެ އެއަރލައިނުން ކުރަމުން އައި ބައެއް ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައެވެ. އެ އެއަރލައިނުން ބުނީ އަލުން ދަތުރުތައް ފަށަނީ ފޭސްތަކަކަށް ބަހާލައިގެނެވެ. އެގޮތުން ދަތުރުތައް ޝެޑިއުލްކުރަނީ ފަސިންޖަރުންގެ ޑިމާންޑާއި، ޤައުމުތަކަށް އެތެރެވުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެންނަ ލުއިތަކަށް ބަލައިގެންކަމަށް އެއަރލައިނުން ބުނެއެވެ.
ޤަތަރު އެއަރވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އަންނަ އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. އެ އެއަރލައިނުން އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވައެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެ އަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ.