ޚަބަރު

ސްކޫލްތަކުގައި ކޯވިޑް-19 ނުފެތުރޭ - އެޑިއުކޭޝަން މިނިސްޓްރީ


ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ކޯވިޑް-19 ފެތުރެމުން ނުދާކަމުގެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓްރީން ދެއްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ޔަޤީންކަން ދެއްވާފައިވަނީ ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި މުވައްޒަފުން ކޯވިޑް-19އަށް ޕޮޒިޓިވް ވަމުންދާތީ އެކަމާ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް ސްކޫލްތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ސްކޫލުތަކުން އަމަލުކުރަމުންދޭތޯ ބަލަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭ ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ސްކޫލުތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއެކުގައެވެ. އެގޮތުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމާއި އަތްދޮވެވޭނެ އިންތިޒާމްތައް ސްކޫލްތަކުގައި ހަމަޖައްސާފައިވާއިރު، ބެލެނިވެރިންނާއި ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގެ މުވައްޒަފުންނަށްވެސް ސްކޫލް ގޭޓުން ވަދެވޭނީ މާސްކު އަޅައިގެންނެވެ. އަދި ސްކޫލް މާހައުލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުންވެސް މާސްކް އަޅައިގެން ތިބެންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކިޔަވައިދެމުންދަނީ ކްލާސްރޫމްތަކުގައި ދުރުދުރުގައި މޭޒް ބަހައްޓައިގެން ކްލާހެއްގައި މަދު ދަރިވަރުންތަކެއް ބައިތިއްބައިގެންނެވެ. މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންނާއި އަދި ސްކޫލުތަކަށް އެކި ކަންކަމުގައިދާ ފަރާތްތައްވެސް ސްކޫލަށް ވައްދަނީ ހުން ބެލުމަށްފަހުގައެވެ.

ސްކޫލަށް ވަންނަ އެއްވެސް މީހެއްގެ ގައިން ކޯވިޑް-19ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އެކަހެރިކޮށް އެކަން ވަގުތުން އެޗްޕީއޭއަށް އަންގަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.