ކުޅިވަރު

64 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ބެލަންޑޯ އެވޯޑް ކެންސަލްކޮށްފި


ފުޓްބޯޅަކުޅޭ ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑް، "ބެލަންޑޯ" މިއަހަރު ނުދޭން ނިންމައިފިއެވެ.

1956 ވަނަ އަހަރުން ފެށިގެން "ފްރާންސް ފުޓްބޯލް" މެގަޒިންއިން ދެމުންގެންދާ ބެލަންޑޯ އެވޯޑް މިއަހަރު ނުދޭން ނިންމީ، ކޯވިޑް19ގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތަކަށް ކުރި އަސަރުގެ ސަބަބުންނެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކުޅުން އަލުން ފަށާފައިވީނަމަވެސް، ގިނަ ދުވަސްތަކަކަށް ލީގުތައް އޮތީ މެދުކަނޑާލާފައެވެ. އަދި ފުޓްބޯޅަ ކަލަންޑަރަށް ބަދަލުތަކެއް ގެނެސް، ޗެމްޕިއަންސް ލީގުފަދަ ޝަރަފުވެރި މުބާރާތްތައްވެސް އޮތީ މެދުކަނޑާލާފައެވެ.

ބެލަންޑޯ އިންތިޒާމްކުރާ ފްރާންސް ފުޓްބޯލް މެގަޒިންއިން ބުނީ ކުރިމަތިވެފައިވާ ހާލަތަށް ބަލާއިރު ފުޓްބޯޅައިގެ ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑް މިއަހަރު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި "ނަމެއްގައި" އެވޯޑް ދިނުމުގެ ބަދަލުގައި، މިއަހަރުގެ އެވޯޑް ކެންސަލްކުރީ ގިނަ މަޝްވަރާތަކަށްފަހުކަމަށްވެސް ބެލަންޑޯ އިންތިޒާމްކުރާ ފަރާތަން ބުނެއެވެ.

1956 ވަނަ އަހަރު ދޭން ފެށީ ބެލަންޑޯ އެވޯޑް 1995 ވަނަ އަހަރާ ހަމައަށް ދެމުންދިޔައީ ޔޫރަޕްގެ ކުޅުންތެރިންނަށް އެކަންޏެވެ. ނަމަވެސް 1995 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ޔޫރަޕްގެ ކޮންމެ ކްލަބްތަކަށް ކުޅޭ ކޮންމެ ކުޅުންތެރިޔަކަށްވެސް އެވޯޑަށް ވާދަކުރެވެއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔެއަށް އެވޯޑް ވަނީ ހުޅުވާލާފައެވެ.

2010 ވަނަ އަހަރު ފްރާންސްގެ ފުޓްބޯލް މެގަޒިންއާއެކު ފީފާއިން ހެދި ޕާޓްނަރޝިޕްގެ ދަށުން 2015 ވަނަ އަހަރާ ހަމައަށް ބެލަންޑޯ އެވޯޑާއި ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދީފައިވަނީ އެއް އެވޯޑެއްގެ ގޮތުގައެވެ. ނަމަވެސް އެ ޕާޓްނަރޝިޕް އުވާލައި، 2016 ވަނަ އަހަރުން ފެށިގެން މި ދެ އެވޯޑްވެސް ދެނީ ވަކިވަކީންނެވެ.

މިއެވޯޑް ދިނުމަށް ކޮންމެ އަހަރަކުވެސް ފްރާންސްގެ ފުޓްބޯލް މެގަޒިންގެ އެޑިޓޯރިއަލްއިން އެންމެ މޮޅު 30 ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލައެވެ. އެއަށްފަހު އެވޯޑްދޭނެ ފަރާތްތައް ކަނޑައެޅުމަށް ވޯޓް ދޭނީ ނޫސްވެރިންނާއި ޤައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނެވެ.

މިދިޔަ އަހަރު ފިރިހެނުންގެ ކެޓަގަރީން މިއެވޯޑް ހާސިލްކޮށްފައިވަނީ އަޖެންޓީނާ އަދި ބާސެލޯނާގެ ފޯވަޑް ލިޔޮނަލް މެސީއެވެ. 6 ފަހަރު މިއެވޯޑް މެސީއަށް ލިބިފައިވާއިރު، އޭނާއަކީ މިއެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ. އަދި މިއަހަރުވެސް މިއެވޯޑަށް އޭނާ ވާދަކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ.

އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށްވެސް މިއެވޯޑްދޭއިރު، މިދިޔަ އަހަރު މިއެވޯޑް ހޯދީ، އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން މޭގަން ރެޕިންސްއެވެ.