ވ އަތޮޅުގައި ތަރައްޤީކުރަމުން ރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީން މަސައްކަތަށް ހުރަސްއަޅާ ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 22 މީހަކު ހައްޔަރުކޮށްފިއެވެ.
އެރަށުގައި ބިދޭސީން ރޭ ހިންގި ހަމަނުޖެހުން ހުއްޓުވީ ފުލުހުން އެރަށް އަރައެވެ. އަދި މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވިނަމަވެސް ބިދޭސީންގެ ސްޕައިވައިޒަރު މަސައްކަތް ކުރާ ކޮޓަރިއަށް އެކިވަރުގެ ގެއްލުންދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައިވާކަމަށެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ ވ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ މޯލްޑިވްސް ކުނާވަށި ރިސޯޓްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ކަމާގުޅޭ މުއައްސަސާތަކާއިކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ މިއަދު ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ. މިގޮތުން ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ރާއްޖޭގެ ޒުވާން އާބާދީއަށްވުރެ މަތިވެ، ދެލައްކަ ފަންސާހާހަށްވުރެ ގިނަ މީހުން އުޅޭކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.
މި ކޮމެޓީގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިއީ ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ޤަބޫލުފުޅު ކުރެއްވޭކަމަށާ، މިއީ މުސާރަ ނުލިބިގެން ހިންގާ ހަމަނުޖެހުންތަކެއް ނޫންކަން އެނގިގެންދާކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވޭކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންނަށް މުސާރަ ނުދޭކަމަށް ބުނެ ކުރަމުން އަންނަ މުޒާހަރާތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. މިގޮތުން މިމަހުގެ ތިންވަނަ ދުވަހު ބ އަތޮޅުގައި ރިސޯޓް ތަރައްޤީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކލަތް ކުރާ ބިދޭސީން ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ވަނީ ރަހީނުކޮށްފައެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ދިޔަ ފުލުހުންނަށް ހަމަލާދީ ބައެއް ފުލުހުން ޒަހަމްކޮށްލާފައިވެއެވެ. މި މައްސަލާގައި 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ދެފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ.
މީގެއިތުރުން މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ކުރި އިހުތިޖާޖުގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގާ ފުލުހުންގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މައްސަލާގައި 41 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލްކޯޓުން ވަނީ އިތުރުކޮށްދީފައެވެ.