ދީން

އަހަރަކު އެއްފަހަރު ގެފުޅުގެ އުރަކޮޅު މައްޗަށް ހިއްލާލަނީ ކީއްވެ؟


ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމާއި ދިމާކޮށް މާތްވެގެންވާ ހަރަމްފުޅުގައި އާއްމުކޮށް އަމަލުކުރަމުން އަންނަ ބައެއް ކަންކަމަށް ބަދަލުތައް ގެނެއެވެ. މީހުން މިސްކިތަށް ވަދެ ނިކުތުމުގައި އަމަލުކުރާނެ އުސޫލްތަކާއި މިސްކިތުގައި މަޑުކޮށްގެން ތިބެވޭނެގޮތާއި ބައެއް ސަރަހައްދުތަކަށް ނުވަދެވޭނެ ގޮތް ހެދުން ފަދަ ގިނަ ކަންތައްތަކެއް ސައުދީ ސަރުކާރުން ތަންފީޒުކުރެއެވެ.

މި ހުރިހާކަމެއްގެ އިތުރުވެސް ޙައްޖާއި ދިމާކޮށް ހަރަމްފުޅަށް ގެންނަ ބަދަލުތަކުން އެންމެ ބޮޑަށް ފާހަގަވެގެން އަންނަ ކަމަކީ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާއަށް ގެންނަ ބަދަލުތަކެވެ.

ޙައްޖާއި ދިމާކޮށް ކިސްވާ މައްޗަށް އުފުލަނީ ނަގަނީ ކީއްވެ؟

ކޮންމެ އަހަރެއްގެ ހައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު ކިސްވާއަށް ވެސް ބައެއް ބަދަލުތައް ގެނެއެވެ. މިގޮތުން ކިސްވާ ތިރިން ފެށިގެން ވަކިވަރަކަށް ވުރެ މައްޗަށް ހިއްލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިހްރާމް ސިފަވާގޮތަށް ހުދު ފޮތި ގަނޑެއް ހަރުކުރެއެވެ.

ސުވާލަކީ ކޮންމެ އަހަރެއްގެ ޙައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު ކިސްވާއަށް މި ބަދަލުތައް މި ގެންނަނީ ކީއްވެ ހެއްޔެވެ. ޢާއްމުކޮށް ކޮންމެ އަހަރަކުވެސް ޙައްޖުމަސް ފެށުމުގެ ކުރިން ޒުލްޤައިދާ މަހުގެ 15ވަނަދުވަހު ގެފުޅުގެ އުރަކޮޅު ކިސްވާ ބިމުން ފެށިގެން ތިން މީޓަރު މައްޗަށް ހިއްލައެވެ. މިކަން ކުރަނީ އެންމެ ސަބަބަކާއި ހެދިއެއް ނޫނެވެ.

ކިސްވާ މައްޗަށް އުފުލާ ހިއްލާލާ އެއް ސަބަބަކީ ޙައްޖުގެ ދުވަސްވަރު އަންނަ މީހުންނާއިގެ ހަރަމްފުޅު ފުރި ބާރުވެފައި އޮންނައިރު ގެފުޅުގެ އުރަކޮޅަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. ސަބަބަކީ މީހުން ގިނަވެ ތޮއްޖެހިފައި އޮއްވާ ގެފުޅުގެ އުރަކޮޅުގައި ހިފާ ދަމާ ހެދުމުން ކިސްވާ އިރައިގެންގޮސް ބައެއް ވެއްޓި އެއްވެސް ޙައްޖާޖީއަކަށް ގެއްލުމެއް ދިމާވިޔަ ނުދިނުމެވެ. ގެފުޅުގެ އުރަކޮޅުގައި ހިފާދަމަނިކޮށް ބައެއް ވެއްޓިޖެނަމަ އޭގައިން ބައެއް ނެގުމަށް އެންމެން އުޅެގަންނާއެވެ. އެއާއެކު މީހުން ތޮއްޖެހިފައިވާ މާހައުލުގައި ދެން ދިމާވެދާނެ ނުރައްކާ ވިސްނާލަމާ ހެއްޔެވެ.

ކިސްވާ މައްޗަށް ހިއްލުމުގައި މިއަށް ވުރެ މާ މުހިއްމު އެއް ސަބަބެއް އެބައޮތެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅަކުން މުސްލިމުން ޙައްޖަށް ދިޔަނަމަވެސް މުސްލިމު މެދުގައި ބައެއް ކަންކަމުގައި ޤަބޫލުކުރާކުރުންތަކުގައި ތަފާތު ހުރެއެވެ. މަޒްހަބުގެ ގޮތުންނާއި ބައެއް އެހެނިހެން ކަންކަމުގެ ސަބަބުންނެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދާނީ ވެސް ޙައްޖުގެ ދުވަސްވަރުއެވެ. ޙައްޖުގެ ދުވަސްވަރު މައްކާގެ ހަރަމް ބަލާލުމުން ބައެއް މީހުން އެމީހުންގެ ގައިގައި އޮންނާ ފޮށާ ނަގާ ގެފުޅުގައި އުނގުޅާތައް ފެންނާނެއެވެ. އަނެއް ބަޔަކު ގެފުޅުގައި ހިފަހައްޓާ ގޮތަށް ދޫކޮށްނުލާ އެތައް އިރަކު ހުރެ ގެފުޅުގައި ބޮލުން ތަޅާތަންވެސް ފެންނާނެއެވެ. މި ހުރިހާކަމަކީވެސް ހުއްދަކަންކަމެއް ނޫނެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުން ގެފުޅުގެ ކިސްވާއަކީ މާތް އެއްޗެކެވެ. އަދި އޭގައި އެތައް ބަރަކާތެއް ހުންނަ އެއްޗެކެވެ. އެހެންވެ އެއްބަޔަކު ކަތުރާއި އެހެނިހެން ސާމާނު ހިފައިގެން ހަރަމަށްވަދެ ގެފުޅުގެ އުރަކޮޅުން ބައެއް ތަންތަން ކަނޑާ ނަގައިގެން ނުވަތަ ކަފާލައިގެން ގެންގޮސްފައިވެސް އެބަހުއްޓެވެ. އަނެއް ބަޔަކު އެކި ކަހަލަ އެކި ކުލަކުލައިގެ މާކަރާއި އެެހެނިހެން ތަކެތި ހިފައިގެން ގޮސް ބަރާކަތް ހޯދުމުގެ ނިޔަތުގައި ގެފުޅުގެ ކިސްވާގައި އެމީހެއްގެ ނަން ނުވަތަ ބައެއް ފަހަރު މުޅި އާއިލާގެ ނަންވެސް ލިޔާ ފަހަރު އެެބަ އާދެއެވެ. ކިސްވާ އުފުލާ އެންމެ ބޮޑު އެއްސަބަބަކީ މިއެވެ. ދީނުގައި ހުއްދަ ނޫން މިފަދަ އެތައްކަމަކަށް ޖާގަ ނުދިނުމެވެ.

ޙައްޖުގެ މޫސުމްގައި ދެން ފެންނާނެ އެހެންކަމެއްވެސް އޮންނާނެ އެވެ. ހައްޖަރުލްއަސްވަދުގައި ބޮސްދިނުމަށް އެކަކު އަނެކަކަށް ބެލުމެއްނެތި އުޅޭ މަންޒަރެވެ. އެމީހެއްގެ ގައިގައި ހުރި ބާރުމިނެއްލާ ކޮށްޕާ ގަޅުވަމުންވެސް އެކަން ކުރަން ބައެއް މީހުން އުޅެނީ އަނެކާއަށް ވާ އެއްވެސް ގެއްލުމެއް ބެލުމެތްނެތިއެވެ. މިކަމުގައި ހަދާންކޮންޖެހޭނީ އުމަރު ގެފާނު ވިދާޅުވި ބަސްކޮޅެވެ. ހައްޖަރުލް އަސްވަދަކީ ހިލައެކެވެ. އެއަކަށް އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ ފައިދާއެއްވެސް ނުދެވޭނެއެވެ. މީ އުމަރުގެ ފާނުގެ ބަސްކޮޅެވެ.

ހައްޖަރުލްއަސްވަދުގައި ބޮސްނުދެވިއްޖެނަމަ އަތުން އިޝާރާތް ކޮށްލުމުންވެސް ފުދޭނެއެވެ. ހުރި ބާރެއްލާ ގަދަކަމުން ވަދެ އެކަން ކުރާކަށް ނުޖެހެވެ.

ގެފުޅު ވަށާ ހުދު ފޮތިގަނޑެއް ހަރުކުރަނީ ކީއްވެ؟

ޙައްޖު މޫސުމާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު މައްޗަށް ހިއްލާލުމުގެ އިތުރުން އުރަކޮޅުގެ ތިރީގައި ވަށައިގެން ހުދު ފޮތި ހަރުކުރެއެވެ. މީ ޙައްޖު މޫސުން ކަން އަންގާދިނުމަށް ކުރާކެމެކެވެ. މިގޮތުން ހުދު ފޮތި ރަމްޒުކޮށްދެނީ ޙައްޖާޖީން ޙައްޖަށް ބަނދެގެން ތިބޭ އިހުރާމްއެވެ.

މީގެކުރިން މިކަން ކުރަމުން އައީ އެހެން ގޮތަކަށެވެ. ގެފުޅުގެ އުރަކޮޅު ވަށާ ހުދު ފޮތި ވަށާ ދެމުގެ ބަދަލުގައި އޭރު އެކަން ކުރަމުން އައީ ތަފާތުގޮތަކަށެވެ. އޭރު އަމަލުކުރަމުން އައި ގޮތަކީ ކިސްވާ މައްޗަށް ހިއްލާއިރު ކިސްވާގެ އަޑިފުށް ފެންނަ ގޮތަށް ބާއްވަނީއެވެ. މި ބަޔަކީވެސް ހުދު ފޮތިން އޮންނަ ބަޔެކެވެ.

މި އަހަރު ކިސްވާ މައްޗަށް ނެގީ ޒުލްޤައިދާ މަހަކު ނޫން

ޙައްޖު މޫސުމާއި ދިމާކޮށް ކޮންމެ އަހަރަކު ކިސްވާ މައްޗަށް ހިއްލާލި ނަމަވެސް އެކަން ކުރަމުން އަންނަނީ ޙައްޖު މަސްފެށުމުގެ ކުރިންނެވެ. ޒުލްޤައިދާ މަހުގެ 15 ވަނަދުވަހުއެވެ. އޭއީ އާއްމުކޮށް ޙައްޖަށް ޙައްޖުވެރިން މައްކާއަށް ވަންނަން ފަށާ ދުވަސްވަރެވެ. މީގެކުރިން އެދުވަހު ކިސްވާ މައްޗަށް ހިއްލަނީ އޭގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އުނދަގޫވާތީއެވެ. ސަބަބަކީ ޙައްޖުވެރިންނާއިގެން މުޅި ހަރަމްފުޅު ފުރި އެކަން ކުރަން އެތައް އުނދަގުލަކާއި ކުރިމަތިވާނެތީއެވެ. ކޮންމެއަކަސް މި އަހަރު މިކަމަށްވެސް މި ވަނީ ބަދަލު ގެނެސްފައެވެ. ކޯވިޑް 19ގެ ސަބަބުން މިއަހަރު ޙައްޖުވެރިންގެ އަދަދު މިވަނީ 10،000 ލިމިޓްކޮށްފައެވެ. އެހެންކަމުން މި އަހަރު ޙައްޖު މޫސުމާއި ދިމާކޮށް ކިސްވާ މައްޗަށް ހިއްލާލީ ޙައްޖު މަހުގެ އެއްވަނަދުވަހުއެވެ. މިފަހަރު މިދުވަހުވެސް މުޅި ހަރަމްފުޅު އޮތީ ހުސްކޮށެވެ.

ކިސްވާ ބަދަލުކުރަނީ ކޮންއިރަކު؟

ކޮންމެ އަހަރެއްގެ ޙައްޖުމަހުގެ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރެއެވެ. ކުރިން މިކަން ކުރަމުން އަންނަނީ ޙައްޖުމަހުގެ 1 ވަނަދުވަހުއެވެ. އަދި މި ރަސްމިއްޔާތުގައި އެ އަހަރަކު ޙައްޖަށް ގޮސްތިބޭ ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެއެވެ. އެހެންނަމަވެސް މިހާރު މިކަން ކުރަމުން އަންނަނީ އެތައް މިލިއަން މީހުންނާއި އެކު ޙަރަމްފުޅު ފުރިފައި އޮތުމަށްފަހު ހުސްވާ ދުވަހުއެވެ. ޙައްޖު މަހުގެ 9 ވަނަދުވަސް ނުވަތަ ޙައްޖު ދުވަހުއެވެ. ހުރިހާ ޙައްޖުވެރިން ތިބޭނީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރުމަށް އަރަފާތު ބިމުގައެވެ. ޙައްޖަކީ އަރާފާތެވެ.

ޙައްޖުގެ ކިސްވާ ކޮންމެ އަހަރަކު ބަދަލުކުރަމުން އަންނައިރު އެ ކިސްވާ ފަހާފައި އޮންނަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި ކިސްވާގެ މެދަށްވާ ގޮތަށް ގެފުޅު ވަށާ ލިޔެފައިވާ ޤުރުއާނުގެ އަޔާތްތައް ވިޔެފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނެވެ.