އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ސިޓީ ހޮޓާގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސިޓީ ހޮޓާ ތަރައްޤީކުރުމާ \ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއެވެ. އަދި އެޗްޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް އެސްޓީއޯއިން ހުޅުމާލެއިން ބިމެއް ހޯދީ 2007 ވަނަ އަހަރުއެވެ. އަދި ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށް ހޮޓާ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުއެވެ.
ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ މި ހޮޓާ ވިއްކާލުމުގެ މަސައްކަތްކުރަމުންނެވެ.